ދާއިމީ ނަތީޖާ އިއުލާނު ކުރުން ފަސްކުރަން ޕީޕީއެމްއިން އެދިފައިނުވޭ: ނިހާން

27 Sep 2018 | 06:08

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރުން ފަސް ކުރުމަށް ޕީޕީއެމްއިން އެދިފައިނުވާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ބައެއް މެންބަރުންނާއި މީޑިއާގައި މިވާހަކަ ފެތުރެމުންދާއިރު ރޭ ޕީޕީއެމްއިން ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުން ފަސްކުރުމަށް އެ ޕާޓީން އެދުނު ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. 

"ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ނަތީޖާ ލަސްކުރުމަށް އެދުނު ކަމަށް ދެކެވުނު. އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް އޮންނަނީ މުއްދަތެއް. އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަނީ އެ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަންވާނެއޭ. އެހެންވީމާ ފަސްކުރަން ނުވަތަ އަވަސްކުރަން އެދުމަކީ އޮވެދާނެ ކަމެއް. އޭގެ މާނައަކީ ބަލަންވީ ބެލުންތައް ބެލުމަށްފަހުގައި އެ މުއްދަތުގެ ތެރޭގައި އެކަން ކުރުމުގެ ވާހަކަ، ނޫން ވާހަކައެއް ޕީޕީއެމްއަކުން ދައްކާފައެއް ނުވޭ. އަދި އެ ސިޓީގައި އެދިވަޑައިގެންނެވި އެދިވަޑައިގެންނެވުމަކު ވެސް ނުވޭ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި، މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގެ ބޭނުމަކީ ވެސް އިންތިޚާބާ ގުޅުން ހުރި މަޝްވަރާތަކެއް ކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ޕާޓީ ދެން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން، އަންނަ ހަފުތާ ބަންދުގައި ބާއްވާ "އާދަޔާހިލާފު ކޮންގްރެސް" އާ ބެހޭ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ މިރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނެވެ.

Advertisement

ކޮމެންޓް

Advertisement