ހިޔާ ފުލެޓު އަގު ހާމަކޮށްފި، 25 އަހަރަށް ބަހާލުމުން މަހަކަށް ޖެހެނީ 3800 ރުފިޔާ!

25 Feb 2021 | 15:38

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ފުލެޓުތަކުގެ ޖުމްލަ އަގު މިނިސްޓަރ އަސްލަމް މިއަދު ހާމަކުރެއްވުމާއެކު ސަރުކާރުން ހިޔާގެ އެންމެ ކުޑަ ކުލި ގޮތުގައި ކަނޑައަޅާފައިވާ އަގު ބޮޑުކަން ހާމަވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލެޓެއްގެ އަގަކީ 1.16 މިލިއަން ރުފިޔާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އެހެން ކަމަށް ވާނަމަ އެއީ:

25 އަހަރަށް މަހަކަށް -/3،800

20 އަހަރަށް މަހަކަށް -/4،800

15 އަހަރަށް މަހަކަށް -/6،400

މިއީ ކުރީ ސަރުކާރުން ވެސް ހިޔާ ރެންޓަށް ދޭން ނިންމި އަގުގެ ރޭންޖްކަން ފާހަގަކޮށްލަންޖެހެއެވެ.

މިދިޔަ ހަފުތާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވިގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކޮށްފައިވާ ފުލެޓުތަކުގެ ކުލީގެ އެންމެ ކުޑައަގެއްގެ ގޮތުގައި މަހަކު 7000 ރުފިޔާ ދައްކަންޖެހޭގޮތަށް ހުށަހެޅިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާ އިރު ރައީސް ޞާލިޙް ވަނީ ފުލެޓުގެ އަގު 11000 ރުފިޔާ އަރާނެކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފުލެޓުތަކަށް ފައިސާ ދެއްކުމަށް ހަތަރުގޮތެއް އެޗްޑީސީން ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ ކުޑައަގެއްގެ ގޮތުގައި ހަނދާންވަނީ މަހަކު 7000 ރުފިޔާ ދައްކާގޮތަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިފަދައިން މަހަކު 7000 ރުފިޔާ ދައްކާގޮތަށް ހަމަޖެހިގެންދާނީ ޑައުންޕޭމަންޓަށް ވަކިވަރެއް ދެއްކުމަށްފަހު މަހުން މަހަށް ދައްކައިގެން 20 އަހަރުން ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑައުންޕޭމަންޓް ނުދައްކާ މަހުކުލި ދައްކާ އުސޫލަކާއި، އެއްފަހަރާ ފުލެޓަށް ފައިސާ ދެއްކޭނެ އުސޫލެއްވެސް އެޗްޑީސީން ހުށަހަޅާފައިވާކަމަށް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.

ނަމަވެސް މީގެން ޢަމަލުކުރާނީ ކޮން އުސޫލަކަށްތޯ ފައިނަލް ކުރެވިފައި ނުވާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރުން ހިޔާ މަޝްރޫޢުގެ ދެކޮަޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަށް ކަނޑައަޅާފައި އޮތީ މަހަކު 5600 ރުފިޔާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އެއީ ޑައުންޕޭމަންޓަށް 25،000 ރުފިޔާ ދައްކައި، ޖުމްލަ އަގު 20 އަހަރުން ދައްކާ ޚަލާސްކުރާ ގޮތަށެވެ.

މިއަދު ފުލެޓުގެ އަގު ބޮޑު ކަމަށް ބުނެ އަސްލަމް ހާމަކުރެއްވި ފުލެޓުގެ އަގާއެކު މިވަނީ ފުލެޓުގެ އެންމެ ކުޑަ ކުއްޔާ ބެހޭގޮތުން ސުވާލު އުފެދިފައެވެ. ސަރުކާރުން މިހާތަނަށް ހިޔާ އާއި ގުޅިގެން ގިނަ ކަންކަން އޮޅުވާލާފައިވުމާއެކު ގިނަ ބަޔަކަށް މި މައްސަލާގައި ވެސް އިތުރަށް ސުވާލު އުފައްދާނެ ޖާގަލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ހިޔާ މަޝްރޫޢުގެ ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ވަނީ ދާދިފަހުން އާންމުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement