Advertisement

ވިސާ ނެގުމުގައި ފަސޭހަ ގޮތްތަކެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހަމަޖައްސާނަން: އިންޑިއާގެ ހައިކޮމިޝަން

25 Feb 2021 | 12:19

މިދުވަސްވަރުގެ ތެރޭގައި އަވައްޓެރި އިންޑިއާއަށް ބޭސްފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކުން ވިސާ ނެގުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޭރުގެ ފަރާތްތަކުން ކުރާ އާންމު ދަތުރުފަތުރަށް އިންޑިއާގެ ބޯޑަރުތައް މިވަގުތަށް ބަންދުކޮށްފައި ވީނަމަވެސް، ބޭސްފަރުވާގެ ބޭނުންތަކަށް އެޤައުމަށް ދަތުރުކުރެވެއެވެ. މިކަން ކުރަންޖެހެނީ އެންމެ ކައިރީގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ޚާއްޞަ ވިސާއެއް ނަގައިގެންނެވެ.

މިފަދައިން ދިވެހިންނަށްވެސް އިންޑިއާއަށް ދަތުރުކުރެވޭއިރު، އިންޑިއާއަށް ދިއުމަށް ވިސާ ނެގުމަށްޓަކައި ގިނައިރު ކިއުގައި ހުންނަން ޖެހޭކަމުގެ ޝަކުވާ ގިނަބަޔަކު ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ނަންބަރުތައް ދޫކުރަނީ ވަކި އަދަދަކަށް ކަމަށްވާތީ، ބައެއް ފަރާތްތަކުން ދަންވަރުން ފެށިގެން ކިއުގައި ތިބޭކަން ފާާހަގަކޮށްލެވެއެވެ. މިކަމާއި މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ އިންޑިއާއާ ދިވެހި ސަރުކާރާއި ދެމެދު މިހާ ގާތް ގުޅުމެއް އޮންނައިރު ދިވެހިންނަށް ޙައްޤުވާ މިންވަރެއް ނޫންކަމަށް ބުނަމުންނެވެ.

މިކަމާއި ގުޅޭގޮތުން "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބުދެމުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ވިސާއަށް ފޯމު ހުށައަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައިކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މެޑިކަލް ވިސާއަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓެމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރެވެމުންދާކަމަށް ވަނީ ބުނެފައެވެ.

މިކަމަށް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ސްޓްރީމްލައިން ހައްލެއް ލިބިގެންދާނެކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ހައިކޮމިޝަނުން މަޢުލޫމާތުދޭ ގޮތުގައި މިހާތަނަށް 5000 މެޑިކަލް ވިސާ ދޫކުރެވިފައިވާ އިރު 2021 ގައި އެކަނިވެސް 2000 މެޑިކަލް ވިސާ ވަނީ ދޫކުރެވިފައެވެ.

Advertisement

ކޮމެންޓް