ބީއެމްއެލް އިން ގުރައިދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފި

25 Feb 2021 | 17:33

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)އިން ކ. ގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ބީއެމްއެލްއިން ބުނީ އެރަށުގައި ހުޅުވުނު އޭޓީއެމްގެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބީ.އެމް.އެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ގުރައިދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އެގޮތުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޅި ރާއްޖޭގެ ރައްޔިތުންގެ މަންފާއަށް ކުރެވެމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޓިމް ސޯޔަރ ފާހަގަކުރެއްވިއެވެ.

ބޭންކުން ބުނީ ގުރައިދޫގައި ހުޅުވުނު އޭޓީއެމްގެ ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިިންގ ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން 4 ރަށެއްގައި ވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ދެމުންނެވެ.

ބީއެމްއެލްއިން ބުނެފައިވަނީ މިދިޔަ އަހަރު ބޭންކުން 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތްތައް ލިބޭނެހެން ބަދަލުނެެގެސްފައިވާކަމަށެވެ.

އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 66 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 127 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Advertisement

ކޮމެންޓް