Advertisement

ހަޤީޤީ ވާހަކަ: ހިތި 17

28 Feb 2021 | 00:12

އަހަރެން ކުޑާއަށް އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ، އެ ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެ އެނދަށް އަރާ އޮށޯތީމެވެ. އަހަރެން ހުރީ ނިދިއައިސްގެން ހަލާކުވާވަރުވެފައެވެ. ޖައްސާލިތާ މާގިނައިރެއް ނުވެ އަހަރެންނަށް ނިދިއްޖެއެވެ. ދެން ހޭލެވުނީ މެންދުރު ނަމާދު ބަންގިއަށް މަންމަ ގޮވާ އަޑަށެވެ. އަހަރެން ނިދިމޯޅިއަކަށް ދެމިލުމަށްފަހު ތެދުވީމެވެ. "ދަރިފުޅާ ކިހިނެއްވީ؟." އެނދުގެ މަގަތުގައި އިށީންނަމުން މަންމަ އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެންނަށް ލިބެމުން ދިޔަ އަނިޔާތަކުގެ ވާހަކަ އަހަރެން ދައްކާކަށް ބޭނުމެއް ނުވިއެވެ. ސަބަބަކީ އަހަރެން އޭރުވެސް ބޭނުންވީ އިނާދު އާއެކު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ކަމުގައިވާތީއެވެ. އަދި ފިރިމީހާގެ ގޯސް ވާހަކަ އަހަރެންގެ އާއިލާ މީހުން ގާތު ބުނުމުން އިނާދުގެ އަގު އާއިލާ މީހުންގެ ކުރިމަތީގައި ވެއްޓިދާނެތީއެވެ.

"މާބޮޑު ކަމެއްނުވެ. ކުޑަ ކަމެއް ދިމާވީ. ކޯއްޗެއް މިއަދު ރޯދަ ވީއްލަން ހަދަނީ؟." އަހަރެން ވާހަކަ އެހެން ދިމާލަކަށް އަނބުރާލީމެވެ. "ފެންވަރައިގެން ނަމާދުގެކޮށްގެން އާދޭ ބަދިގެއަށް. އައީމައެއްނު އެނގޭނީ." މަންމަ މިހެން ބުނުމަށްފަހުގައި ކޮޓަރިން ނިކުތެވެ. އަހަރެން ފެންވަރައިގެން ނަމާދުކޮށްގެން އަވަދިވެގެން ބަދިގެއަށް ނިކުތީމެވެ. މަސައްކަތުގައި ހޭދަވި ވަގުތުގައި އެއްވެސް މީހަކު އަހަރެންނާއި އެއްވެސް ސުވާލެއް ނުކުރެއެވެ. އަހަރެންނަށް އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ރޯދަވީއްލުމަށް ކާއެއްޗެހި ތައްޔާރުކޮށް ގޭތެރެ ސާފުކޮށް ނިމިގެން ދިޔައިރުވެސް އިނާދުގެ އެއްވެސް ހަބަރެއް ނުވެއެވެ. އޭނާ އަހަރެން ކޮބައިތޯ ބެލުމަށް ގުޅާނުލިތާ މެސެޖެއްވެސް ނުކުރެއެވެ. އަހަރެން ހިތުގައި އުފެދެމުން ދިޔަ ތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އިނާދުގެ ޚަބަރެއް ނުވުމުން އަހަރެން ކަންތައްބޮޑުވިއެވެ. ނަމަވެސް އަހަރެން އެކަން ގޭގެ އެކަކަށްވެސް ނާންގަމެވެ.

އެރޭ ނިދަން އޮށޯވެފައި އަހަރެން ވަރަށް ރުއީމެވެ. އިނާދު އަނެއްކާ އަހަރެން ބޭނުން ނުވަނީހެއްޔެވެ؟. ނޫނީ ކަންތައް ކުރެވުނު ގޮތުން ގުޅަން ޖެހިލުންވެފައި ހުރީހެއްޔެވެ؟. ނޫނީ އަހަރެން ގެއަށް ދަންދެން އިންތިޒާރުގައި ހުރީހެއްޔެވެ؟. މިކަހަލަ އެތައް ސުވާލުތަކަކުން އަހަރެންގެ ސިކުނޑި ވަށާލިއެވެ. އަހަރެންގެ ބޮލުގައި ކެތްނުވާވަރަށް ދިޔައީ ރިހެމުންނެވެ. ފާހާނާއަށްވަދެ މޫނު ދޮވެލައިގެން ނިކުމެ ފޯނުގެ ގަޑި ބަލާލީމެވެ. އޭރު ގަނޑިން މެންދަމު އެކެއް ޖަހަނީއެވެ. ގޭގެ އެންމެން ތިބީ ނިދާފައެވެ. އިނާދު މަތިން ހަނދާންވާ ވަރުން އަހަރެންނަށް ނިދޭ ވަރެއް ނުވިއެވެ. އަހަރެން ހިތް ބުނަމުން ދިޔައީ އިނާދު ކައިރިއަށް ދިއުމަށެވެ. ވުމާއެކު ރޭގަނޑު އެ ދަންވަރުގެ ވަގުތުގައި އަހަރެން އިނާދުގެ ގެއަށް ދިއުމަށް ނިކުތީމެވެ. މަންމަ ކައިރީގައިވެސް ނުބުނަމެވެ.

އަހަރެން ގެއަށް ވަންނަން އޮތް ހަނި ގޯޅިތެރެއަށް ވަތްއިރު ގޭގެ ބޮޑު ދޮރު ހުރީ ހުޅުވާފައެވެ. ދޮރު ކައިރިއަށް އަރާ ހަމަވުމަށްފަހު ވަރަށް ސިއްރުސިއްރުން ގޭތެރެއަށް ބޯދިއްކޮށްލީމެވެ. މަންމަ އުޅޭ ކޮޓަރި ދިއްލާފައި ހުއްޓެވެ. އަހަރެން މަޑުމަޑުން ގޭތެރެއަށް ވަނީމެވެ. އަދި ވަރަށް ސިއްރުން އަހަރެން އުޅޭ ކޮޓަރީގެ ދޮރު ހުޅުވީމެވެ. ކޮޓަރިއަށް ވަދެ ބަލާލިއިރު އިނާދު އޮތީ ނިދާފައެވެ. އަހަރެން މަޑުމަޑުން އެނދުމައްޗަށް އަރައި ބިއްދޮށަށް އެނބުރިގެން އޮތް އިނާދު ކައިރީ އޮށޯތީމެވެ. އެހިނދު އިނާދު އަހަރެންނާއި ދިމާލަށް އެނބުރި ބަލާލިއެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އަނެއް ފަރާތަށް އެނބުރުނެވެ.

އަހަރެންވެސް އިނާދުއަށް ނިދަން ފުރުޞަތު ދީފައި އެނދުގައި ހަމަޖެހިލައިގެން އޮށޯވެ ނިދޭތޯ ބެލީމެވެ. ހެނދުނު ހޭލައިގެން ކޮޓަރިން ނިކުތްއިރު މަންމަ އުޅެނީ ބަދިގޭގައެވެ. އަހަރެން ފެނުމާއެކު، އަހަރެންގެ އަތުގައި ހިފައިގެން ގޮސް މަންމަގެ ކޮޓަރިއަށް ވަނެވެ. އަދި ކަންތައްތައް ހިނގާދިޔަގޮތް އޮޅުންފިލުވިއެވެ. އިނާދުގެ މަންމަ އަހަރެންނަށް ނަސޭހަތްތެރިވީ ކެތްތެރިވުމަށެވެ. އިނާދުއަށް ވިސްނައިދެވޭތޯ ބަލާނެކަމަށް މަންމަ ބުންޏެވެ. އަދި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިއަސް ގެއިން ނުނިކުތުމަށް ނަސޭހަތްތެރިވިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.

ގޭތެރޭގެ މަސައްކަތުގައި އުޅެނިކޮށް މެންދުރު ނަމާދަށް ބަންގިގޮވި އަޑު އިވުނެވެ. ވުމާއެކު އިނާދު ހޭލިތޯ ބަލަން އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭނާ އިނީ ހޭލައިގެން އެނދުމަތީގައި ފޯނާ ކުޅޭށެވެ. އަހަރެން ފެނުމާއެކު ފޯނު ބޭއްވިއެވެ. އަދި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. އޭނާ އެ ބެލުމުން ދޭހަވީ އޭނާ އިނީ އަހަރެންނާއި މެދު ހިތްހަމަނުޖެހިފައި ކަމެވެ. ފަހަރުގައި އަހަރެން ގެއިން ނުކުތުން ކަމުގައި ވެދާނެއެވެ. އިނާދު އެނދުން ތެދުވުމުން އަހަރެން އޭނާގެ އަތުގައި ހިފީމެވެ. ނަމަވެސް އޭނާ އަހަރެންގެ އަތް ފޮޅާލިއެވެ. އަހަރެން އަނެއްކާވެސް މަޑުމަޑުން އޭނާގެ އަތުގައި ހިފީމެވެ. މިފަހަރު އޭނާ އަހަރެންގެ އަތުގައި ހިފައި ބިންމައްޗަށް ހޫރާލިއެވެ. "އަހަރެން ކޮންމެގޮތަކަށް ކޮންމެ ކަމެއް ކުރިއަށް ގެއިން ނިކުންނާކަށް ނުޖެހޭ. ދެން ގެއިން ނިކުމެއްޖިއްޔާ...." އޭނާ ގެ ޝަހާދަތް އިނގިލި އަހަރެންނާއި ދިމާލަށް ހުރިއިރު މީހާގެ ދެލޯ ހީވަނީ އަނގުރު އަލިފާންހެންނެވެ.

އިނާދު ނިކުމެގެން ދާން އުޅުމުން އަހަރެން އޭނާގެ ފައިގައި މަޑުމަޑުން ހިފައި އާދޭސްކުރީމެވެ. އަހަރެންނާއި މެދު އަނިޔާވެރި ނުވުމަށެވެ. ނަމަވެސް އަހަރެންގެ ރުއިމުގެ އަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ކަނާތު އަތުގައި ހިފައި ތަޅުންގަނޑު މަތީގައި ދަމާފައި ގެންދިޔަގޮތަށް ދޮރު ބުޑަށް އެއްލާލިއެވެ. އަހަރެންގެ ބޯ ޖެހުނީ ދޮރުގައެވެ. ހަމަ އެވަގުތު އޭނާ ކޮޓަރިން ނިކުމެގެން ދިޔައީ އެއްވެސް ރަހުމެއްނެތް އިންސާނަކު އެހީއަށް އެދި ގޮވާ މީހަކަށް އަޅާނުލާ ފަސްދީފައި ދާ އުސޫލުންނެވެ. އިނާދު އަހަރެންނަށް އަނިޔާކުރަން ޖެހޭ އެއްވެސް ސަބަބައް އަހަރެންނަށްނަކަށް ނުވިސްނުނެވެ. އޭނާ އަހަރެންދެކެ އެހާ ރުޅި އަންނަން ޖެހޭ ސަބަބެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ހިތްފަޅައިގެން ދިޔައެވެ. އަހަރެންނަށް މިހާބޮޑު ހިތްދަތިކަމެއް އަދި ހަޔާތުގައި ދުވަހަކުވެސް ނުލިބެއެވެ. ދުނިޔެ މިއީ މިހާ ބޭއިންސާފުން ކަންހިނގާ ތަނެއް ހެއްޔެވެ؟.

އަހަރެން އެހާލުގައި ރޮއެރޮއެ އިންދާ މަންމަ ކޮޓަރިއަށް އައެވެ. އަދި އަހަރެން އިންގޮތް ފެނިފައި، ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނެވެ. އިނާދު ކޮޓަރިއަށް ވަނުމާއެކު އިނާދު އާއި ދިމާލަށް މަންމަ އެއްޗެހި ކިޔަން ފެށިއެވެ. އަދި ހަމަ އެނޭވާގައި އޭނާއަށް ނަސޭހަތްތެރިވިއެވެ. އަދި އިނާދު ދެން އެކަހަލަ ކަމެއް ކޮށްފިނަމަ އަހަރެން އެ ގޭގައި ނުބަހައްޓާނެ ކަމާއި، އަހަރެންގެ އާއިލާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމުގެ ފަހު އިންޒާރު އިނާދަށް ދިނެވެ. އޭރުވެސް އަހަރެންގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. މަންމަ ކޮޓަރިން ނިކުތުމާއެކު އިނާދު އައިސް އަހަރެން ބިންމަތިން ނެގިއެވެ. އަދި އަހަރެންގެ ގައިގައި ބައްދާލާ ރޯން ފެށިއެވެ. "އަހަރެންނަށް މަޢާފުކުރޭ. އަސްލު އަހަރެންނަކަށްވެސް ނޭނގެ އަހަރެންނަށް ވާގޮތެއް. ހަމަ ރުޅިގަދަ ވަނީ." އިނާދު އަހަރެން ގައިގައި ޖެހި ހުރިހާ ތަނެއްގައި ފިރުމަމުން ވާހަކަދެއްކިއެވެ.

އެހިނދު އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އިނާދު ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރީމެވެ. "އިނާދުއަށް ވާގޮތެއް އަހަރެންނަށް ކިޔައިދީގެން މިކަން ހައްލުވާނީ. ނޫނީ މިކަންކަން ބޮއްސުން ލައިގެން ހިނގައިދާނެ. އިނާދު ބޭނުންވަނީ އަހަރެން އިނާދުގެ ދިރިއުޅުމުން ދާންތަ؟." އަހަރެންގެ މި ޖުމްލައާއެކު އޭނާ އަހަރެން ގައިގައި އިތުރަށް ބައްދާލިއެވެ. " ނޫން ޝަމް. ތިކަހަލަ ރަނގަޅު އަނތްބެއް އަހަރެންނަކަށް ދެނެއް ނުލިބޭނެ. ޝަމް ނުދައްޗޭ. އާދޭސްކޮށްފަ މިބުނީ." އިނާދުގެ ރުއިމުގެ އަޑު އިތުރަށް ގަދަވިއެވެ. އޭނާއަށް އަންނަމުން ދިޔަ ކުށްލި ބަދަލުތަކާއި ގުޅިގެން އަހަރެން ވަރަށް ބޮޑަށް ކަންތައްބޮޑުވިއެވެ. އަހަރެން ބޭނުންވީ އިނާދަށް އަދިވެސް ފުރުޞަތެއް ދޭށެވެ. ވުމާއެކު އަހަރެން ނުދާނެ ކަމުގެ ޔަގީންކަން އޭނާއަށް ދިނީމެވެ.

އޭގެ ފަހުން ހަފުތާއަށް ވެގެން ދިޔައިރު ވެސް އިނާދު އަހަރެންނަކަށް އެއްވެސް ގޮތަކުން އަނިޔާއެއް ނުކުރެއެވެ. ހުންނަނީ ވެސް ވަރަށް ބޮޑަށް ހަމަޖެހިފައެވެ. އަހަރެން ގޮވައިގެން ޓީވީ ސްޓޭޝަނަށް ވެސް ދެއެވެ. ނިމުނީމައި އަހަރެން ބަލާއައިސް، ދުއްވާލަންވެސް ދެއެވެ. އިނާދުއަށް އެއައި ބަދަލާއެކު، އޭނާ މުޅިންހެން ރަނގަޅުވީ ކަމުގައި އަހަރެން ހިތަށް ނިންމީމެވެ. އަހަރެން ހުރީ ކަންތައްތައް ބޮއްސުން ލައިގެން ގޮސްދާނެތީ ވަރަށް ބިރުންނެވެ. ނަމަވެސް އަހަރެންގެ ބަނަވަމުން އައި ދިރިއުޅުމަށް އަނެއްކާވެސް އުޖާލާކަން އައެވެ. އެކަމަކު އެ އުޖާލާކަން ދެމިގެން ދިޔައީ މަހެއްހާ ދުވަހަށެވެ. މިފަހަރު އޭނާ އަހަރެންނަށް އަނިޔާ ދިނީ ޖިސްމާނީ ގޮތަކުން ނޫނެވެ. ހިތަށް ދެވޭ އަނިޔާއަކީވެސް އަނިޔާއެކެވެ. އެކީގައި ލޯބިން އުޅުމަށް ވައުދުވެގެން ކުރެވޭ ކައިވެންޏެއްގެ ވަކި ހިސާބަކުން އެ ކައިވެނި ރޫޅާލަން މަޖުބޫރުވެގެން ދެއެވެ. އަހަރެންނަށް ލިބުނު އަނިޔާތަކަށް މައާފުކޮށް ދިރިއުޅެން މަސައްކަތްކުރި ނަމަވެސް ދިރިއުޅުމުގައި ދެން ނެގި ރާޅާއެކު އަހަރެންނަށް މަޖުބޫރުވީ އިނާދުއާއި މުޅި އުމުރަށް ވަކިވާށެވެ. 

Advertisement

ކޮމެންޓް

Advertisement