ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމުގެ ފުރުސަތުދޭން ނިންމައިފި

26 Feb 2021 | 13:03

ކޮވިޑް-19ބަލީގައި ނިޔާވާ ފަރާތްތައް ވަޅުލުމުގެ ހުއްދަދޭން ސްރީލަންކާގެ ސަރުކާރުން އެންމެފަހުން ނިންމައިފިއެވެ.

އެގޮތުން އެކަމަށް ހުއްދަދިނުމަށްފަހު، އެގައުމުގެ "ކުއަރަންޓީން އެންޑް ޕްރިވެންޝަން އޮފް ޑިޒީސަސް އޯރޑިނެންސް"އަށް ބަދަލުގެނެސް ވަނީ ލަންކާ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

ގެޒެޓްގައި ރޭ ޝާއިއުކުރެވުނު އިސްލާހުގެ ދަށުން ލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް އަންދާލުން ނުވަތަ ވަޅުލުމުގެ ފުރުސަތު އޮންނާނެއެވެ. މިފަދައިން ވަޅުލާ ފަރާތްތައް ވަޅުލެވޭނީ އެގައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާރވިސަސް އަދި ކަމާބެހޭ އެހެނިހެން އިދާރާތަކުގެ އިރުޝާދުގެ ދަށުން، ގަބުރުސްތާނެއް ނުވަތަ ކަނޑައެޅޭ އެހެން ތަނެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް ބަލީގައި ނިޔާވާ ފަރާތްތަކުން ވަޅުލުމުގެ ފުރުސަތު ސްރީލަންކާއިން ދޭން ނިންމީ އެގައުމުގެ މުސްލިމުންނާއި ސިވިލް ސޮސައިޓީގެ ގިނަބަޔެއްގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. މިހާރު ކުރިއަށްދާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ސްރީލަންކާއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައިވެސް ކޮވިޑް ބަލީގައި މަރުވާ އެންމެން އަންދާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. މީހުން ވަޅުލުމުގެ ފުރުސަތުދޭން ނިންމީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައިވެސް އެކަން ނެގިގެންދާނެކަމުގެ އިޝާރާތެއް ލިބި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ލަންކާއަށް ޒިޔާރަތެއް ކުރެއްވިފަހުންކަންވެސް ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން ހާމަކުރިގޮތުގައި ސްރީލަންކާއިން ވަނީ ކޮވިޑް ބަލީގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި އެހީތެރިވެދޭން ދިވެހިރާއްޖޭގެ ކިބައިންވެސް އެދިފައެވެ. ނަމަވެސް އެގައުމުގެ ކެބިނެޓްގެ ތަރުޖަމާނު ވަނީ މިކަމަށް އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް