ހޯމްމިނިސްޓަރ އިމްރާންގެ އިންޒާރު ފުލެޓު މުޒާހަރާއަށް

26 Feb 2021 | 22:48

އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ޙަރަކާތެއްހިންގުމަށް ސަރުކާރުން ޖާގަނުދޭނެ ކަމަށް ހޯމް މިނިސްޓަރީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި މިފަދައިން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން މާލޭގައި މިއަދު ހަވީރު ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޙައްޤާއި 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަން ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެއާއެކު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއްވެސް ކަނޑައެޅިގެންވާ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހޯމް މިނިސްޓްރީން ނެރުނު އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޤަނޫނުއަސާސީގެ 67 ވަނަ މާއްދަަގެ (ނ) ގައި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ކަނޑައަޅާފައިވާ ހިނދު، މުޅި ދުނިޔެއަށް ކުރިމަތުވެފައިވާ ކޮވިޑް 19 ގެ ވަބާގެ އަސަރު ދިވެހިރާއްޖެއަށް ކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެފައިވާ ކަމަށެވެ.

އަދި އެބަލީގައި އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ ޢަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކައި ޚާއްސަކުރެވިގެން ޤާއިމުކޮށްފައިވާ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ޞިއްޙީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށެވެ.

އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއްނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށާއި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ހަމައެއާއެކު ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް