ރައްޔިތުމީހާއަށް ކައިވެނިޕާޓީ ނުބޭއްވުނު، ސަރުކާރަށް ކެންޕެއިން ޖަލްސާ ބޭއްވުނު؟

26 Feb 2021 | 22:03

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހިރާއްޖޭގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެޗްޕީއޭއިން އާންމުކުރާ ތަފާސްހިސާބުތަކުން އެކަން ޔަގީންވެގެންދެއެވެ. ފާއިތުވެދިޔަ މަހެއްހާ ދުވަހު ކޮންމެ ދުވަހަކުވެސް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100އަށްވުރެ މަތީގައެވެ. ވަކިން ޚާއްޞަކޮށް ފުރަމާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. މިމަހުގެ މިހާތަނަށް މިބަލީގައި ގިނަބަޔަކު ދުނިޔެ ދޫކޮށްފިއެވެ. ކޮވިޑަށް އެނދުމަތިކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއީ މިހާތަނަށް ދިވެހިރާއްޖެއިން ދެކުނު އެންމެ ނުރައްކާތެރި ކޮވިޑްގެ ރާޅުކަމަށް ގިނަ ޞިއްޙީ ޚިދުމަތްތެރިން އިއްތިފާގުވެއެވެ.

މިފަދަ ހާލަތެއްގައި ކިތަންމެ ގިނަބަޔަކަށް އުނދަގޫވާ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަޅަންޖެހެއެވެ. އެއީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޞިއްޙީ ނިޒާމަށް އޮތް ބުރަ ކުޑަކުރުމުގެ މަޤްޞަދުގައެވެ. މިފަދަ ފިޔަވަޅުތައް ދުނިޔޭގެ އެތަކެއް ޤައުމެއްގައިވެސް އަޅައެވެ.

އެގޮތުން ކޮވިޑް-19 ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން ދިވެހިރާއްޖޭގައިވެސް ވަނީ ވަރަށް މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ފިޔަވަޅަކީ އެއްފަހަރާ 10 މީހުންނަށްވުރެ ގިނައިން އާންމު ތަންތަނަށް އެއްނުވެވޭ ގޮތަށް، މިމަހުގެ 12ވަނަ ދުވަހުގައި އެޅި ފިޔަވަޅެވެ. ގިނަބަޔަކު އެއްތަނަށް އެއްވެ ހެދުމުން ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެކަން ސައިންސްގެ ހެކިތަކުންވެސް ވަރަށް ސާފެވެ. ނަމަވެސް މި ފިޔަވަޅަކީ ސިޔާސީގޮތުން އެޅި ފިޔަވަޅެއްކަމަށްބުނެ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން އަދިވެސް ދަނީ މުޒާހަރާތަކަށް ނުކުންނަމުންނެވެ. އެފަރާތްތަކުގެ މުޒާހަރާތަކުގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެތަކެއް ފަހަރު ޚިލާފުވެފައިވާ މަންޒަރު ވަނީ ފެނިފައެވެ. ނަމަވެސް އެކަމަށް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

އިދިކޮޅުގެ ޢަމަލުތަކަށް އެންމެ ބޮޑަށް ފާޑުކީ އެއްބަޔަކީ ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީކަމަށްވާ އެމްޑީޕީންނެވެ. ތެދެކެވެ. އެއީ ކިޔުން ޙައްޤު ފާޑެކެވެ. މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެތައް ބަޔަކު ނުރައްކަލަށް ހުށައެޅޭނެފަދަ ގޮތަކަށް ހަރަކާތްތައް ހިންގައި، ބަލީގެ އަސަރުތައް ކުޑަކޮށްލަދޭނެ ވެކްސިނާ މެދު ފިތުނަ އުފެދޭނެ ބީދައިން ވާހަކަ ދެއްކުމަކީ ހެޔޮވާނެކަމެއް ނޫނެވެ. އެއީ ޒިންމާދާރު އިދިކޮޅު ސިޔާސީ ފިކުރެއްގެ ސިފައެއްވެސް ނޫނެވެ.

ނަމަވެސް އެ ހުރިހާ ފާޑެއް ކިޔުމަށްފަހު އެމްޑީޕީގެ ފަރާތުންވެސް ރޭ ފެނިގެންގޮސްފައިވަނީ އެޕާޓީގެ ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭފަދަ ޢަމަލެކެވެ. "ރަށްވެހި ފަތިހަކަށް އަލިވިލުން" ނަމުގައި ރޭ ޖަލްސާއެއް ބާއްވާފައިވާއިރު، އެ ޖަލްސާގައި މާލޭގައި ކުރިއަށްގެންދިޔަ ބައި ކުރިއަށްގެންދިޔައީ ޓީވީއެމްގެ ސްޓޫޑިއޯގައި، ހަމަ ގައިމުވެސް 10 މީހުންނަށްވުރެ ގިނަމީހުން ހިމެނިގެންނެވެ. 27 ޖެނުއަރީން ފެށިގެން މާލޭ ސަރަޙައްދުގައި ހަފުލާތައް ބޭއްވުން މަނާކުރެވިފައިވާއިރު، އެމްޑީޕީން ރޭގެ ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދިފައިނުވާކަމަށް އެޗްއީއޯސީން ވަނީ މި ނޫހަށް މަަަަޢުލޫމާތުދީފައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ކަނޑައެޅި ފިޔަވަޅުތަކަށް ތަބާވުމަކީ ހުރިހާ ފަރާތްތަކެއްގެ މައްޗަށްވެސް ލާޒިމްކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކަނޑައެޅިގެން ފާޅުގައި އެ ފިޔަވަޅުތަކާ ޚިލާފުވަމުންދާއިރު، އެފަރާތްތަކާއި ދެކޮޅަށް އެޅިފައިވާ އެއްވެސް ހަރުދަނާ ފިޔަވަޅެއް ނުފެނެއެވެ. ޕީޕީއެމްވިޔަސް އެމްޑީޕީވިޔަސް ޤާނޫނު ހަމަހަމަކަމާ އެކު އެފަރާތްތަކުގެ މައްޗަށް ތަންފީޒުކުރެވެން ވާނެއެވެ. ނޫންނަމަ އެއީ ރީތިގޮތެއް ނޫނެވެ.

Advertisement

ކޮމެންޓް