ޚަޝޯގީ މަރާލި ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ސައުދީ ވަލީއަހުދުގެ ބެލުމުގެ ދަށުންކަމަށް ބުނެފި

27 Feb 2021 | 09:41

ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް އިމާރާތުގައި 2018ވަނަ އަހަރުގައި މަރާލެވުނު ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލި ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ސީދާ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބެލުމުގެ ދަށުންކަމަށް އެމެރިކާއިން ބުނެފިއެވެ.

އެގައުމުން މިހެން ބުނެފައިވަނީ ޚަޝޯގީގެ މަރާއި ގުޅޭގޮތުން އެގައުމުގެ އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަަނަލް އިންޓެލިޖެންސްއިން ތައްޔާރުކުރި ރިޕޯޓެއްގައެވެ. މި ރިޕޯޓް އާންމުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވި ނަމަވެސް، މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ވަނީ މި ރިޕޯޓްގެ ބައެއް ސަފްހާތައް އާންމުކޮށްފައެވެ.

މި ރިޕޯޓްގެ ތެރެއިން އާންމުކޮށްފައިވާ ބައިތަކުގައި ބުނެފައިވާ ގޮތުގައި އިސްތަންބޫލްގައި ޚަޝޯގީ މަރާލުމަށް ނުވަތަ އޭނާ ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ހިންގުމަށް ސައުދީ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ބިން ސަލްމާން ހުއްދަ ދެއްވިކަމަށް ގަބޫލުކުރެވޭކަމަށެވެ. މި އޮޕަރޭޝަން ހިނގައިދިޔައީ ސައުދީ ވަލީއަހުދަށް ނޭނގިކަމަށް ސައުދީ އަރަބިއްޔާއިން ބުނަމުން ދިޔަނަމަވެސް، މިއީ ހިނގައިދިއުން ވަރަށް ނާދިރުކަމެއްގެ ގޮތުގައި އެމެރިކާއިން ވަނީ ސިފަކޮށްފައެވެ. ސަބަބަކީ 2017ވަނަ އަހަރުން ފެށިގެން ސައުދީގެ ސަލާމަތީ އަދި ޖާސޫސީ ކަންކަމުގައި ވަލީއަހުދު ސަލްމާންގެ ބާރު ފުރިހަމައަށް ގަދަވެފައި އޮތުމެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި ޚަޝޯގީއަކީ ސައުދީ ރަސްކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވަލީއަހުދު ވަނީ ދެކިލައްވާފައެވެ. މިކަމުގެ ސަބަބުން އޭނާގެ އަޑު ކަނޑުވާލުމަށް އަނިޔާވެރި ކަންކަން ކުރަންޖެހިއްޖެނަމަ އެކަން ކުރުމަށްވެސް ވަލީއަހުދު ސަލްމާން ތާއިދުކުރެއްވިކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޚަޝޯގީ މަރާލުމަށް ތުރުކީގައި ހިންގި އޮޕަރޭޝަންގައި ބައިވެރިވި އެކިއެކި ފަރާތްތަކަކީ ވަލީއަހުދާއި ގާތްގުޅުމެއް އޮންނަ ފަރާތްތަކަކަށްވުމުން، އެބޭފުޅާއަށް ނޭނގި އެފަރާތްތަކުން މިފަދަ އަމަލެއް ހިންގަފާނެކަމަށް ނުބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ސައުދީގެ ފަރާތްތަކުން ޚަޝޯގީއަށް ގެއްލުންދޭން ރާވާފައިވަނީ ކޮންއިރަކުކަމެއް އެނގެން ނެތްކަމަށް އެމެރިކާގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

މި ރިޕޯޓް ހާމަކުރުމާއެކު އެމެރިކާގެ ބައެއް އިދާރާތަކުން ވަނީ ޚަޝޯގީ މަރާލުމާއި ގުޅޭ އަދި ސައުދީ ރަސްކަމަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދައްކާ، އެފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާ ގިނަ ފަރާތްތަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަަޅާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓް އަދި ޓްރެޜަރީވެސް ހިމެނެއެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގެ ތެރޭގައި ވަނީ ޖަމާލް ޚަޝޯގީ ވަރަށް އަނިޔާވެރިކޮށް މަރާލެވިފައެވެ. އެގޮތުން އޭނާ ނޭވާ ހާސްކޮށް މަރާލައި، ފުރާނަ ނެތް ހަށިގަނޑު ބުރިބުރިކޮށް އަންދާލިކަމަށް ތަހުގީގަށް ސާބިތުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއަށްފަހު އެ ބައިތައް ސިއްރިއްޔާތުން ކޮންސިއުލޭޓުން ބޭރަށް ނެރެ، ސައުދީ ކޮންސިއުލޭޓް ޖެނެރަލްގެ ގޭގައިވާ ޚާއްސަ އަވަނެއްގައި އަންދާލިކަމަށް ބެލެވޭކަމަށް "އަލްޖަޒީރާ އެރެބިކް"ގެ ތަހުގީގެއްގައި ވަނީ ބުނެފައެވެ.

ސައުދީ ސަރުކާރުން މީގެކުރިން ވަނީ، ޚަޝޯގީ މަރާލީ "ރޯގް އޮޮޕަރޭޝަނެއް"ގެ ތެރެއިން ކަމަށް ބުނެފައެވެ. އަދި އެކަމުގައި ބައެއް ފަރާތްތަކުގެ މައްޗަށް ވަނީ ޝަރީއަތް ހިންގައި ހުކުމްވެސް ކޮށްފައެވެ. ނަމަވެސް މި ފަރާތްތަކަށް ޚަޝޯގީގެ އާއިލާއިން ފަހުން މައާފުކުރި ކަމަށްބުނެ ސައުދީގެ މީޑިޔާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. 

Advertisement

ކޮމެންޓް