އިދިކޮޅު ލީޑަރުން ހައްޔަރުކުރިޔަސް މައްސަލަތައް ހައްލުނުވާނެ: ޑރ.ވަހީދު

27 Feb 2021 | 10:47

އިދިކޮޅު ޕީޕިއެމް/ޕީއެންސީން ކުރިއަށްދިޔަ ސުލްހަވެރި އިހުތިޖާޖުގައި އެޕާޓީގެ އޮފީސް ބަންދުކޮށް، ލީޑަރުން ހައްޔަރުކުރިޔަސް، ސަރުކާރުގައި ހުރި މައްސަލަތައް ހައްލުނުވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ކުރިއަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވަހީދު ސަރުކާރަށް ގޮވާލެއްވީ ރައީސް ޔާމީނާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެމްޑީޕީން ކޮންމެ ދުވަހަކު މާލޭގެ ބޮޑެތި މަގުތަކުގައި އޭރުގެ ވެރިންނަށް ތިއްބެވި ބޭފުޅުން ބާޣީންނަށް ހަދައި މުޒާހަރާކޮށް އަދި ލޮނުޒިޔާރަތްކޮޅާއި އުސްފަސްގަޑު އެޕާޓީގެ ޖަގަހަތަކަކަށް ހަދައި ޓެންޓްޖަހައި އުޅުނުއިރު އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދެއްވާފައިވެއެވެ.

އިއްޔެގެ އިހުތިޖާޖުގެ ތެރެއިން ވަނީ އިދިކޮޅު ޕާޓީގެ އުސްލީޑަރުންނާއި އެޕާޓީއަށް ނިސްބަތްވާ 28 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެޕާޓީގެ އޮފީހަށް މީހުން ވަދެނުކުތުންވެސް ގިނައިރުތަކެއް ވަންދެން ހުއްޓުވާފައިވެއެވެ.

Advertisement

ކޮމެންޓް