އައްޑޫ ފްލައިންގ ސްކޫލަށް ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާއެއް!

27 Feb 2021 | 15:53

އައްޑޫ ފްލައިންގ ސްކޫލް ހިންގަމުންދަނީ ސްރީލަންކާގެ ޔަތީމުޚާނާއެއް ފަދައިންކަމަށް ވިދާޅުވެ އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަލީ ނިޒާރު ވިދާޅުވީ ސްރީލަންކާގެ ޔަތީމުޚާނާއެއް ފަދައިން ހިންގަމުންދާ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ)އިން އެތަކެއް ޢާއިލާއެއް މާލީގޮތުންނާއި ނަފްސާނީގޮތުން ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެތަނުގެ ދަރިވަރުންނަށް ލިބުނު ގެއްލުންތަކާ އެފަރާތްތަކުގެ ޙައްޤުތަކަށް ވަކާލާތުކުރާއިރު، އެމީހުންގެ މައްޗަށް މީހުން މެރިކަމުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ.

ނިޒާރު ވަނީ ކަންކަން ބަރުދާސްތުކުރުމަށްވެސް ހައްދެއް އޮންނާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އެބޭފުޅާ ވަނީ އޭއޭއޭ ޒިންމާދާރުކުރުވައި، ގެއްލުން ލިބިފައިވާ ހުރިހާ ޢާއިލާތަކަށް ބަދަލު ހޯދައިދޭން އަޅަންޖެހޭ ފިޔަވަަޅުތައް އެޅުމަށް ކަމާއިބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ.

ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު ގިނަ ދަރިވަރުންނަށް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަރިވަރުން އަތުން އެ އެކަޑަމީއަށް ނަގާ ފީ ޑޮލަރުން ދައްކަންޖެހޭ މައްސަލަ އަކީ ވެސް ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

Advertisement

ކޮމެންޓް