އެއްލައްކައަށްވުރެ ގިނަމީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި

27 Feb 2021 | 22:43

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިންޖެހުމަށް ހިންގަމުންދާ ޤައުމީ ހަރަކާތުގެ ތެރެއިން މިހާތަނަށް 100،000އަށްވުރެ ގިނަ މީހުން، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި 27 ފެބްރުއަރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާއި ހަަމައަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 6073 މީހެކެވެ. އެއީ މާލޭ ސަރަޙައްދުން ވެކްސިން ލިބުނު 3147 މީހަކާއި އަތޮޅު ތެރެއިން ވެކްސިން ލިބުނު 2926 މީހެކެވެ. މިއާއި އެކު މުޅި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ލިބުނު މީހުންގެ ޖުމްލަ އަދަދު ވަނީ 105،492 އަރާފައެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް

Advertisement