ދަލެއްގައި ތާށިވެފައި އޮތް ވެލައެއް ސަލާމަތްކޮށްފި

28 Feb 2021 | 12:08

ނ.ވެލިދޫގެ ދެމީހަކު ވެގެން ގޯސްޓްނެޓް ނުވަތަ އޮއެވާލި ދަލެއްގައި ތާށިވެފައި އޮތް ވެލައެއް ސަލާމަތްކޮށްފިއެވެ.

މި ވެލާ ސަލާމަތްކޮށްފައިވަނީ ޙަސަން އިބްރާހީމް އަަަދި ޢައްބާސްއެވެ. "ވޮއިސް"އަށް މައުލޫމާތުދެމުން ޙަސަން ބުނީ އޮއެވާލި ދަލުގައި ވެލާ ތާށިވެފައި އޮއްވާ ފެނުނީ ވެލިދޫއާ ދިމާ ބޭރުން ދެކުނު ކަނޑުތެރެއިން ދަތުރުކޮށްފައި ދަނިކޮށްކަމަށެވެ.

މިދެމީހުންނަށް އެ ވެލާ ފެނުނީ އެދިމާލުގައި ވަދާ ދުއްވަން ނުކުމެ އުޅެނިކޮށެވެ. އެންމެ ފުރަތަމަ އެ ވެލާ ދުރުން ފެނުނުއިރު އެއީ ކޯއްޗެއްކަން ދެމީހުންނަށް ޔަގީނެއް ނުވިއެވެ. އެހެންކަމުން އެއީ ކޯއްޗެއްތޯ ބެލުމަށް ކައިރިކޮށްލިއިރު ފެނިގެންދިޔައީ، ދަލެއްގައި ތާށިވެފައި އޮތް ވެލައެއްކަމަށް ޙަސަން ބުންޏެވެ. އެ ވެލާ ފެނުމާއި އެކު ޙަސަން ވަނީ އެ ވެލާ ލޯންޗަށް ނެގުމަށްފަހު އެސޮރު ދަލުން ސަލާމަތްކޮށް، މޫދަށް ދޫކޮށްލާފައެވެ.

ޙަސަން ކިޔައިދިން ގޮތުގައި އޭނާއަށް މިކަމުން އެންމެ އުފާވެރިކަން ލިބުނީ އެ ވެލާ ދޫކޮށްލި ވަގުތުގައެވެ.

ގޯސްޓްނެޓްތަކުގެ ހަގީގަތަކީ ކޮބާ؟

ގޯސްޓްނެޓް ނުވަތަ އޮއެވާލި ދާތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ވަރަށް ގިނައިން ފެންނަ އެއްޗެކެވެ. މީގެން ދިވެހި ކަނޑުފަރުގެ ދިރުންތަކާއި ރީތިކަމަށް ބޮޑު އަސަރެއް ކުރިނަމަވެސް، އެ އުފެދިގެން އަންނަނީ ދިވެހިރާއްޖެއިންނެއް ނޫނެވެ.

މި މައްސަލައާ ގުޅޭގޮތުން ވޮއިސްއާއި ވާހަކަދައްކަމުން ވެލާކަހަނބު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ "އޮލިވް ރިޑްލީ ޕްރޮޖެކްޓް"ގެ ޕްރޮޖެކްޓް އެންޑް ވޮލަންޓިޔަރ ކޯޑިނޭޓަރ ރިޝާ ޢަލީ ރަޝީދު ބުނީ ދުނިޔޭގެ ނިސްބަތުންވެސް ދިވެހިރާއްޖެއަކީ ކަނޑަށް ދޫކުރާ އޮއެވާލި ދާ އެންމެ ގިނައިން ފެންނަ އެއް ސަރަޙައްދުކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިން ދޫކުރާ އެއްޗެއް ނޫންކަމުގައިވިޔަސް، އެކަމަކީ ވެލާފަދަ ތަކެއްޗަށް ދިވެހިރާއްޖޭގެ ކަނޑުގައި އޮތް އެންމެ ބޮޑު ނުރައްކާކަމަށް އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނިގޮތުގައި މިފަދައިން ވަލުގައި އޮޅިފައި ތިބޭ ވެލާތައް ސަލާމަތްކުރުމަށްފަހު ބަލާލާއިރު، އެތަކެއްޗަށް ގިނަފަހަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. "މިގޮތުން ދާ މަސްގަނޑުގެ ތެރެއަށް ވަދެގެންގޮސް އަތްފައި ކެނޑި، ބުރިވެ، އޭގެ ތެރެއިން ކަށިގަނޑު ފެންނަންވެސް އެބަހުރޭ ވަަރަށް ގިނަފަހަރަށް"، ރިޝާ ކިޔައިދިނެވެ.

މިހެން ގޯސްޓްނެޓްތަކުގައި އޮޅޭ ވެލާތަކުގެ ފުރާނަވެސް ބައެއް ފަހަރު ގެއްލިގެންދާކަން ރިޝާ ފާހަގަކުރިއެވެ.

އޮއެވާލި ދަލަކުން ވެލައެއް ސަލާމަތްކުރާނީ ކިހިނެއް؟

ވެލާ ކަހަނބެއް އޮއެވާލި ދަލެއްގައި ތާށިވެފައި އޮންނަތަން ފެނިއްޖެނަމަ ކަންކުރަންވީ ގޮތުގެ އަތްމަތީ ފޮތެއް އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ފަރާތުން ވަނީ ތައްޔާރުކޮށްފައެވެ. މި އަތްމަތީ ފޮތުގައިވާ ގޮތުގައި ދަލެއްގައި އޮތް ވަލެއް ފެނިއްޖެނަމަ ހިކިތަނަކަށް ގެންގޮސް އެއަށް ހާނިއްކައެއް ވެފައިވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. މޫދުގައިވާ ދާގަނޑު ނައްޓާލުމަށްފަހު އެކަންކޮށް، އެއާއި ބެހޭގޮތުން އެވަގުތަށް އެއްކުރެވެން ހުރި މަޢުލޫމާތުތައް އެއްކުރުން މުހިންމެވެ.

އެގޮތުން އެ ވެލާ ފެނުނުތަން، ޖިންސު، ދިގުމިން އަދި ލިބިފައިވާ އަނިޔާގެ ފޮޓޯ ނުވަތަ ވީޑިޔޯއެއް ނަގާލެވިދާނެއެވެ. މިކަން ކުރާއިރު، ވެލާގެ ސަލާމަތާއި ޞިއްޙަތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

މިފަދައިން ނަގާ ވެލައަކަށް ބޮޑު ހާނިއްކައެއް ވެފައިވާނަމަ އޭތި ހިކި ތަނަކަށް ގެންގޮސް، ހަރަކާތް ނުކުރެވޭނެހެން ތެތް ތުވާއްޔަކުން އޮޅާލަން އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިރުޝާދުދެއެވެ. އެއަށްފަހު އަޑުމަޑު އަދި ހިޔާވެފައިވާ ސަރަޙައްދަކަށް ގެންގޮސް، ވީއެންމެ އަވަހަށް އޮލިވް ރިޑްލީ ޕްރޮޖެކްޓަށް އެކަން އެންގުމަށް ވަނީ އެދިފައެވެ.

މިހެން ނަގާ ވެލައަކަށް ހާނިއްކައެއް ވެފައިނުވާނަމަ، އޭގެ ފޮޓޯ އައިޑީ (މޫނުގެ ކަނާތް އަދި ވައަތް ފަރާތުގެ ފޮޓޯ) ނެގުމަށްފަހު ފަރުވާތެރިކަމާއެކު މޫދަށް ދޫކޮށްލާނީއެވެ. މިފަދައިން ދޫކޮށްލާއިރު، ރަނގަޅަށް ފީނާފައިދޭތޯ ބެލުން މުހިންމެވެ. އޭތި ރަނގަޅަށް ނުފީނާނަމަ، އޭތި ހިކި ތަނަކަށް ގެންގޮސް މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރާށެވެ.

ގޯސްޓް ނެޓް ނުވަތަ އޮއެވާލި ދަލުގެ މައްސަލައަކީ ދިވެހި ކަނޑުތަކުގައި އުޅެމުންދާ ވެލާ ކަހަނބުގެ ރައްކާތެރިކަމާއި އަދި ދިރިހުރުމަށްވެސް އޭގެ ސަބަބުން އަސަރުކުރާ ފަދަ ކަމެކެވެ. އެހެންކަމުން މި މައްސަލައާ މެދު ސަމާލުވެ، މިފަދަ ހާލަތެއް ދިމާވުމުން އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

Advertisement

ކޮމެންޓް

Advertisement