ސަތޭކަ އަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖެ ގެންނަނީ

03 Mar 2021 | 06:12

ރާއްޖެ އަށް ސަތޭކައަށްވުރެ ގިނަ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ ކެނޑިޑޭޓުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ބ.އަތޮޅަށް ޚާއްޞަކޮށް އެއަތޮޅަށް ނިސްބަތްވާ މެމްބަރުންނާއި އޮންލައިންކޮށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އެގޮތުން ބ.ހިތާދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުން ހުށަހެޅި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނޭޕާލާއި ސްރީލަންކާއިން 163 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް ޑޮކްޓަރުންތައް މާލެ އައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އެޑޮކްޓަރުންގެ ތެރެއިން ހިތާދޫއަށްވެސް ޑޮކްޓަރެއް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ހިތާދޫއަށް ނިންމާފައިވާ ގިނަ ކަންތައްތައް ހިއްސާކުރައްވާފައެވެ. އެގޮތުން ހިތާދޫގެ އާ އިންޖީނުގޭގެ މަސައްކަތް ނިމުމުން 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ބެހެއްޓިގެންދާނެ ކަމަށް ވަނީ ދިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement