ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތައްޔާރު: ޑރ. ވަޙީދު

28 Feb 2021 | 12:56

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަޢުޤުވެރިކަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ފާޅުކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވިއްޖެ ހާލަތެއްގައި، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ޤައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަޤާމަށް ކުރިމަތިލުން ކަމަށް ވާ ނަމަ އެއީ އެންމެ ރަނގަޅު ގޮތް" ރައީސް ވަހީދު ވިދާޅުވިއެވެ.

ޑރ.ވަޙީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރައީސް ޔާމީން މިނިވަންވެ، އިންތިޚާބުގައި ވާދަކުރައްވަން ފުރުޞަތު ލިބިވަޑައިގަންނަވާނެކަމަށް ޕާޓިން ޤަބޫލުކުރައްވާކަމަށެވެ.

ނަމަވެސް އެމަނިކުފާނަށް ވާދަނުކުރެވިއްޖެނަމަ އިންތިޚާބުގައި ވަދަކުރައްވާނެ އެންމެ ރަނގަޅު ބޭފުޅެއް ނިންމާނީ ޕީޕީއެމް ޕީއެންސީންކަމަަށްވެސް ޑރ.ވަޙީދު ވިދާޅުވިއެވެ.

އަދި އެޙާލަތުގައި ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވާނެކަމަށްވެސް ޑރ.ވަޙީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ޤައުމަށް ޚިދުމަތްކުރެއްވުމަށް ކަމަށެވެ.

ޑރ.ވަހީދު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުން ވަކިވެ ވަޑައިިގެންނެވިފަހުން ސިޔާސީ ހަރަކާތްތަކުގައި ދުރުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް