އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2565އަށް މިނިސްޓަރ ޝާހިދުގެ މަރުހަބާ!

28 Feb 2021 | 14:01

ހަނގުރާމައާ ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް-19ވެކްސިން ފޯރުކޮށްދިނުމަށް، ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލާ ފާސްކުރި ގަރާރަށް ފޮރިން މިނިސްޓަރ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ހަނގުރާމަޔާ ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކަށް ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް އެސަރަހައްދުތަކުގައި ޙަމަލާބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ އެންމެންނަށް ވެކްސިން ދިނުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2565ގައި ވަނީ އދ.އިން ކަނޑައަޅާ ކޮވިޑް ވެކްސިން އާންމުންނަށް ލިބުން ހުރަސްއެޅޭފަދަ ވަކި މައްސަލަތަކުގައި އެފަދަ ހުރަސްތަކާ ނައްތާލައި ހަމަނުޖެހުންތައް ވަގުތީގޮތުން ހުއްޓުވުމަށް އަޅަަންޖެހޭ ފިޔަވަޅުތައް ބެލުމަށް ގޮވާލާފައެވެ. އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުންވެސް މިފަދަ ތަންތަނުގައި އުޅޭ އާންމުންނަށް ވެކްސިން ލިބުމަށް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ގޮވާލާފައެވެ.

ހަނގުރާމަތަކާއި ހަަމަނުޖެހުންތައް ހިނގަމުންދާ ގައުމުތަކާ ސަރަހައްދުގެ ގިނަ ރައްޔިތުންނަށް ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ނުލިބިދާނެކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. މިކަން ވެގެންދާނީ ކޮވިޑް ބަލިން އަރައިގަތުމަށް ދުނިޔެއިން ކުރާ މަސައްކަތަށް އެޅިގެންދާނެ ބޮޑު ހުރަހަކަށެވެ.

މީގެކުރިން އަފްޣާނިސްތާނުގައި ވަނީ ޕޯލިއޯއާ ދެކޮޅަށް މަސައްކަތްކުރުމަށް ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައެވެ.

Advertisement

ކޮމެންޓް