Advertisement

މަލީހުއާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތްރީލައިން ވިޕެއް!

28 Feb 2021 | 14:53

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލްއާ ދެކޮޅަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަލީހުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައިގައި އެބޭފުޅާއާއި ދެކޮޅަށް ވޯޓް ދިނުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. މިއާއި އެކު ބެލެވޭ ގޮތުގައި މާދަމާގެ ވޯޓުން މަލީހް މަގާމުން ވަކިވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

މަލީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. މި މައްސަލައިގައި ޖަވާބުދާރީވާން އެބޭފުޅާއަށް 30 މިނެޓްގެ ވަގުތުކޮޅެއް ލިބިގެންދާނެއެވެ.

14 މެންބަރުންގެ ސޮޔާއި އެކު މަލީހާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. މި މައްސަލައިގައި ޖަވާބުދާރީވާން މިނިސްޓަރ މަލީހަށް ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތެއް ދެވިފައެވެ.

ނަމަވެސް ނޯޓިސްގައި ގާނޫނީ މައްސަލަތަކެއް އެބަހުރިކަމަށާއި، އެ އަނބުރާ ފޮނުވާލައްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ޤަވާޢިދެއް، މަޤާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށްބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ނުވާ މައްސަލައިގައި މަލީހަށް އަބަދުވެސް އާންމުންގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް