Advertisement

އިންޑިއާގެ ޑިމޮކްރަސީ މަރުވެއްޖެ- ރާހުލް ގާންދީ

28 Feb 2021 | 19:28

އިންޑިއާގައި ޑިމޮކްރަސީ މަރުވެއްޖެކަމުގައި އެޤައުމުގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރ ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ޓެމިލްނާޑޫގައި ވާހަކަފުޅު ދައްކަވަމުން ރާހުލް ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީއަށް ވޭތުވެދިޔަ 6 އަހަރު ދުވަހުގެތެރޭގައި ރާވައިގެން ސިސްޓަމެޓިކް ގޮތަކަށް ހަމަލާދެވެމުންގޮސްފައިވާކަމަށެވެ. އިންޑިއާގެ ޑިމޮކްރަސީ މަރުވެގެންދިޔައީ އެއްފަހަރު ގޮވި ގޮވުމަކުން ނޫންކަމަށާއި އެއީ މަޑުމަޑުން މަރާލެވެމުންގޮސް މަރުވި މަރުވުމެއްކަމުގައި ވިދާޅުވިއެވެ. ރާހުލް ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީ ބިނަވެގެންވީ ޤާނޫނު ހަދާ މަޖިލީހާއި ޖުޑިޝަރީއާއި މިނިވަން މީޑިއާއާއި އެހެން އެފަދަ މިނިވަން އިންސްޓިޓިއުޝަންތަކުގެ މައްޗަށެވެ. އިންޑިއާގެ ހަރުކަށި ހައްދު ފަހަނައަޅާފައިވާ އާރްއެސްއެސްއާއި އެޖަމާޢަތުގެ އައިޑިއޮލޮޖީ ދަމަހައްޓާ މިހާރު ވެރިކަމުގައި އޮތް ބީޖޭޕީން އިންޑިއާގެ ޖުޑިޝަރީއަށް އަތްބާނައި ޖުޑިޝަރީގެ މައްޗަށް ގަދަވެގެންފައިވާކަމަށާއި ޤާނޫނު ހަދާ މަޖިލީސްވެސް ފައިސާއާއި ރިޝްވަތު ދީގެން އެހެންޕާޓީތަކުގެ މެމްބަރުންގަނެ ޕާލަމެންޓް ތަޣައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާގެ މިނިވަން މީޑިއާއަށްވެސް ބިރުދައްކައި ނޫސްވެރިންނަށް މަރުގެ ހަމަލާތައް ކުރިމަތިކޮށް އަދި ނޫސްވެރިން ހައްޔަރުކޮށް މީޑިއާގެ މިނިވަންކަން އިންޑިއާގައި ގެއްލުވާލާފައިވާކަމުގައިވެސް ރާހުލް ގާންދީ ވިދާޅުވިއެވެ.

''އިންޑިއާގެ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތަކުގެ ބެލަންސް ނައްތާލައިފިނަމަ ޤައުމުގެ ޑިމޮކްރަސީ އެހަލާކު ކޮށްލެވުނީ. އާރްއެސްއެސްވަނީ އެހުރިހައި އިންސްޓިޓިއުޝަންތަކެއް ފޫއަޅުވާލާފައި''

އޭނާ ވިދާޅުވީ އިންތިޚާބަކުން ކާމިޔާބު ހޯދަންޏާ ތިން ބައިކުޅަ ދެބައިގެ ސާފު އަޣުލަބިއްޔަތެއް އިދިކޮޅު ޕާޓީއަކަށް ލިބިގެންނޫނީ ކާމިޔާބު ދެމެހެއްޓޭނެ ގޮތެއް ނެތްކަމުގައެވެ. 14 މެމްބަރުން 15 މެމްބަރުންގެ އަޣުލަބިއްޔަތަކުން ކާމިޔާބު ލިބިއްޖެނަމަ އެ 15 މެމްބަރުންނަށް ބީޖޭޕީއާއި އާރްއެސްއެސްއިން ލާރިދީގެން ގަނެލާކަމުގައި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރ ވިދާޅުވިއެވެ. މިހާރުވެސް ރައްޔިތުން އެޕާޓީގެ ސަރުކާރުތައް އިންތިޚާބުކުރި ސްޓޭޓްތަކުގެ ޕާލަމެންޓް މެމްބަރުންނަށް ބީޖޭޕީން ފައިސާދީ މެމްބަރުން ގަނެގެން އެސަރުކާރުތައް ވައްޓާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑިމޮކްރަސީގެ ހުރިހައި އިންސްޓިޓިއުޝަންތަކެއް ޚަރާބުކޮށްލާފައިވުމާއެކުވެސް ރައްޔިތުންނަށް އަލުން އެއިންސްޓިޓިއުޝަންތައް ރަނގަޅު ކުރުމުގެ ބާރު ލިބިގެންވާކަމަށެވެ. އެއީ އިންތިޚާބުތަކުން ބީޖޭޕީއާއި ދެކޮޅަށް ރައްޔިތުން ނުކުމެ ވޯޓުދީ އެޕާޓީ ބަލިކޮށްގެންނެވެ.

Advertisement

ކޮމެންޓް