ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލައިފި

28 Feb 2021 | 19:28

ބޭސްފަރުވާއަށް ދިއުމަށްކަމަށްބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކުރި މައްސަލައި ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަހުން ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ އިސްތިއުނާފުކުރުމުންނެވެ. އެގޮތުން ޕީޖީ އޮފީހުން މައްސަލަ އިސްތިއުނާފުކުރީ އަމުރު ދޫކުރިކަމަށް މަޢުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުންނެވެ.

ހައިކޯޓުން މަޢުލޫމާތު ދޭގޮތުގައި އެކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން އިސްތިއުނާފުކުރުމަށް ހަތްދުވަހުގެ މުހުލަތެއް ލިބިގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގެ ލިޔެކިޔުންތައް ލިބުމުގައި ލަސްތަކެއް އުޅޭކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކްރިމިނަލް ކޯޓުން ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ މިމަހުގެ 9ވަނަ ދުވަހުގައެވެ.

މީގެކުރިން މި މައްސަލައިގައި ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ ކުށުގެ ދަޢުވާތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ބޭސްފަރުވާގެ ބޭނުމަށް ރާއްޖެއިން ބޭރަށް ދިޔައިރު ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒްކޮށްފައިވާނެކަމަށެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ބުނީ ދައުލަތުން އިއުތިރާޒްކުރުމުންވެސް، ޢަލީ ވަޙީދަކީ އެހެން ރެކޯޑެއް އޮތް މީހަކަށް ނުވާތީ، ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިއާޔަތްކޮށް މީހަކު ޖާމިނުކުރުމަށްފަހު 4 މަހަށް ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރުމަށް ޝަރީއަތުން ނިންމިކަމަށެވެ. މިފަދައިން ޢަލީ ވަޙީދު ޖާމިނުކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ (އަޑުބަރޭ)އެވެ.

އަދި ކޯޓު އަމުރުގައިވާ ފަދައިން ހަތަރު މަސްދުވަހުގެ ތެރޭގައި އޭނާ އަނބުރާ ނާންނަނަމަ އޭނާ އަދި ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް