ރާއްޖެޓީވީއަށް ހެލިކޮޕްޓަރު ދިނީ މުދަލާއި ފުރާނަ ސަލާމަތް ކުރުމަކީ ސިފައިންގެ މަސްއޫލިއްޔަތަކަށް ވާތީ: ޑިފެންސް

04 Mar 2021 | 20:46

ރާއްޖެޓީވީ ގެ ޝޯއަކަށް އެމްއެންޑީއެފް އުޅަނދުތައް ބޭނުން ކުރަން ދިނީ ސިފައިންގެ ޤާނޫނުގެ 7 ވަނަ މާއްދާގައި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންވާ ބާވަތުގެ ކަންކަމުގައި މީހުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާތީ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން މިހެން ބުނެފައިވަނީ، ދިޔަރެސް ނޫހުގެ ފަރާތުން ސިފައިންގެ އުޅަނދުތައް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ބޭނުންކުރުމަށް ދިނީ ކީއްވެތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރާއްޖެޓީވީގެ ޝޯއަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ޝޯއަކީ ރިއަލިޓީ ޝޯއަކަށްވެފައި އެހަރަކާތަކީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ފަޅުރަށަކަށް ބާލުވައި އެމީހުން ސަވައިވްވުމަށް މަސައްކަތް ކުރުން ހިމެނޭ ހަރަކާތަކަށްވާތީ އެކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ ހަރަކާތަކަށް ވާތީކަމަށް ޑިފެންސުން ވަނީ ވިދާޅުވެފައެވެ.

އަދި އެހަރަކާތްތައް ހިންގަނީ ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން ބަޖެޓުގައި ހިމަނައިގެން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށްވެސް ދިޔަރެސް އިން ކުރެއްވި ސުވާލުގެ ޖަވާބުގައި ޑިފެންސުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް އެމްއެެންޑީއެފްގެ އުޅަނދުތައް ދީފައިވަނީ ބަޔަކު އެހީތެރިކަމަށް އެދުމުން، އެވަގުތަކު އެމްއެންޑީއެފަށް އެހީތެރިކަން ފޯރުކޮށްދެވެން އޮންނަ އުސޫލުގެ ދަށުންކަމަށެވެ.

Advertisement

ކޮމެންޓް