Advertisement

މަޖިލީހުގައި ޖަވާބުދާރީ ވާނީ ޤާނޫނު އަސާސީގެ ދިފާޢުގައި: މަލީޙު

01 Mar 2021 | 01:14

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކުރެވިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހަަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލިޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީޙު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވަނީ ނެރެފައެވެ. މިކަމާ ގުޅިގެން މަލީޙު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ މަޖިލީހަށް ވަޑައިގަންނަވަނީ ވަޒީފާ ދިފާޢު ކުރުމަށް ނޫން ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގަންނަވަނީ ޤާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާޢުގައިކަން ފާހަގަ ކުރެއްވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމުގެ މައްސަލަ ވަނީ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަންކަމުގެ އެޖެންޑާގެ ދަށުން އެޖެންޑާ ވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް