ދެއަހަރުވީއިރު ޓެކްނޮލޮޖީ މިނިސްޓްރީގައި ތިބީ އެންމެ 18 މުވައްޒަފުން!

01 Mar 2021 | 11:34

ޒިންމާ އަދާ ނުކުރެވޭ ވާހަކަ ދައްކާއިރު މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގައި މަސައްކަތް ކުރަނީ އެންމެ 18 މުވައްޒަފުން ކަމަށް މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި، މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޓެކްނޮލޮޖީ މިނިސްޓްރީއަކީ މި ސަރުކާރާއެކު ވުޖޫދުވި އާ މިނިސްޓްރީއެއް ކަމަށެވެ. އަދި މިނިސްޓްރީގެ އޮފީހުގެ ގޮތުގައި ހަވާލު ކުރީ "ބާ ގުދަނެއް" ފަދަ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.

މަލީޙު ވިދާޅުވި ގޮތުގައި މިނިސްޓްރީގައި 54 މުވައްޒަފުން ތިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، ވެރިކަމަށް ދެއަހަރުވީއިރުވެސް، މިނިސްޓްރީގެ މަސައްކަތް ކުރަމުންދަނީ 18 މުވައްޒަފުން ކަމަށާއި، އެއީ މިނިސްޓަރުގެ މައްސަލައެއް ނޫން ކަމަށެވެ. މިފަދަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެސް ނުކުރައްވާ ކަމަށް ވިދާޅުވެ، ޖަވާބުދާރީ ކުރުވުމުގެ މަފްހޫމަކީ އެއީތޯ މަލީޙު ސުވާލު ކުރެއްވިއެވެ.

މަލީޙު ވިދާޅުވިގޮތުގައި ސަރުކާރުން ހާސިލު ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވަނީ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައެވެ. އެޕްލޭންގައި ކަންކަން ކުރަންޖެހޭ ތާރީޚުތައް ކަނޑައަޅަނީ މިނިސްޓަރު ނޫން ކަމަށާއި އެއީ ޕޮލިސީ ކަނޑައަޅާ މީހުންގެ މަސައްކަތެއް ކަމަށް މަލީޙު ވިދާޅުވިއެވެ.

މަލީޙު މިހެން ވިދާޅުވިއިރު، އިންޓަރނެޓް އަގުހެޔޮ ކުރާނެ ތާރީޚެއް ކަމުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވަނީ 2021 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް