މައްސަލައަކީ މަލީޙެއް ނޫން، ސަރުކާރު: އިދިކޮޅު މެމްބަރުން

01 Mar 2021 | 11:31

ރައްޔިތުންގެ މަޖިލީހުގައި، ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު ވަކި ކުރުމުގެ މައްސަލައިގައި ހޫނު ބަހުސެއް ކުރިއަށް ދިޔައިރު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދެނީ މަލީޙުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ މަލީޙަށް އިތުބާރު ގެއްލުނީ ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވުމުން ކަމަށެވެ. އެމްޑީޕީގެ ގިނަ މެމްބަރުން މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިއިރު، ތަޅުމުގައި ބަހުސް ކުރެއްވި ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ޚިޔާލު ތަފާތެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ، މީގެ ކުރީންވެސް ވަޒީރުންނަށް ކަންކަން ނުވެގެން ކަމަށް ބުނެ މަޤާމުން ވަކި ކުރެވުނު ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެގެން، ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފުވެސް ވަކި ކުރެވުނު ކަމަށާއި، އެހެންނަމަވެސް އޭގެފަހުންވެސް މައްސަލަ ޙައްލު ނުވެ، ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މި އުފެދޭ އުދާސްތަކުގެ އަސްލަކަށް ޙައްލެއް ނުލިބޭ. ޝިދާތާ ވަކި ކުރެވިއްޖެ. އަންހެނުންނަށް ކުރާ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތައް އައީ އިތުރުވަމުން" ޙުސައިން ވިދާޅުވިއެވެ.

މިމައްސަލައިގައި ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ފެނިގެން މިދަނީ ސަރުކާރު ކޯލިޝަން ރޫޅެމުންދާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި އެމްޑީޕީގެ އިޚުލާސްތެރިކަމެއް އޮތް ނަމަ، ޤާނޫނު ތަންފީޒު ނުކުރެވި، ވަޢުދު ނުފުއްދުމުން މަޤާމުން ވަކި ކުރަން ޖެހޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއަދު ރައްޔިތުންނަށް އިތުބާރު އޮތީ ކޮން މުއައްސަސާއަކަށްތޯ ސުވާލުު އުފެދޭ ކަމަށެވެ. ދިވެހި ރައްޔިތުން ވެރިކަމަށް އިސްކުރީ އެޗްޕީއޭގެ ޑައިރެކްޓަރެއް ނޫން ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުގެ ހުރިހާ ޒިންމާއެއް ހަވާލުކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސަޢީދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ޞާލިޙު މަޤާމުން އިސްތިއުފާ ދެއްވުމަކީ ޤައުމުގައި ހުރި މައްސަލަތަކުގެ ޙައްލު ކަމަށެވެ. 

Advertisement

ކޮމެންޓް