Advertisement

އަޅުގަނޑުމެން ހިތްހަމަ ނުޖެހުނީމަ އެކަހެރިވެގެން ދާން ޖެހޭނެ: އާޒިމް

02 Mar 2021 | 07:12

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިތްހަމަ ނުޖެހިއްޖެނަމަ، އެ ވަަޒީރަކު ޖެހޭނީ އެކަހެރިވެވަޑައިގަންނަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، ޓެކްނޮލޮޖީގެ ދާއިރާއިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދެނީ މަލީޙުގެ ނާގާބިލުކަމުގެ ސަބަބުން ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހާސިލު ނުކޮށްދެވޭ ބަޔަކު މުއައްސަސާތަކުގައި ތިބިނަމަ ވަކިކުރަން ޖެހޭ ކަމަށެވެ. އެއީ އޭނާގެ ކޮއްކޮއެއް ކަމަށްވިޔަސް އެކަން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ނަތީޖާ ނުނެރެވޭ މީހުން ވަޒީފާއިން ނުވަތަ ޒިންމާއިން އެކަހެރި ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ވާޖިބެއް ކަމަށެވެ. މިނިސްޓަރު މަލީޙަށް ބަހުގެ ހަމަލާއެއް ދެއްވަމުން އާޒިމް ވަނީ އިތުރު ވާހަކަތަކެއް ނުވަތަ ބަހަނާތަކެއް ބޭނުންވެނުލައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ، ވަޒީރަކާ ދޭތެރޭގައި އިތުބާރު ނެތްނަމަ، ޢަމަލު ކުރަންޖެހޭ ގޮތް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، 10 މެމްބަރަކު ސޮއިކޮށް ސަބަބެއް ހުށަހެޅުމުން އެކަން ކުރެވޭ ކަމަށެވެ. އަދި އެއީ ތަޙުޤީޤެއް ކުރަން ޖެހޭ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement