ކައުންސިލް އިންތިޚާބާ ދިމާކޮށް ތިންރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފި

01 Mar 2021 | 15:16

ލޯކަލް ކައުންސިލް އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ސަރުކާރުން ބައެއް މަޝްރޫޢުތަކުގައި ސޮއިކޮށް، ބައެއް މަޝްރޫޢުތަކުގެ ބިންގާ އަޅަން ފަށައިފިއެވެ.

އެގޮތުން ތިން ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ނިންމާފައިވާ 3 ރަށަކީ ހއ.މޮޅަދޫ، މ.ވޭވަށް، ލ.މުންޑޫއެވެ. އެ ތިން ރަށުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

ހއ.މޮޅަދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 35.8 މިލިއަން ރުފިޔާއަށް 2އަހަރާ 2މަހުން މަސައްކަތް ނިންމާގޮތަށެވެ. މ.ވޭވަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 32.6 މިލިއަން ރުފިޔާއަށް 2އަހަރާ 2މަސް ދުވަހުން ނިންމާގޮތަށެވެ. ލ.މުންޑޫގައި ފެނާ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ 35.5 މިލިއަން ރުފިޔާއަށެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީވެސް 2އަހަރާ 2މަސް ދުވަހުންނެވެ.

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. އޭގެތެރޭގައި ސަރވޭ ކުރުމާއި އީއައިއޭ ހެދުމާއި ފެނާ ނަރުދަމާ ނިޒާމު ޑިޒައިންކުރުންވެސް ހިމެނެއެވެ. ދެން ހިމެނެނީ އާރްއޯ ޕްލާންޓާ ސްޓޯރޭޖް ޓޭންކް ބެހެއްޓުމާ، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާ، ސީ އައުޓް ފޯލް އެޅުމުގެ މަސައްކަތެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންވާ އިދާރީ އޮފީސް ޢިމާރާތް ހެދުމާއި ގޭގެއަށް ފެނާ ނަރުދަމާގެ ވިއުގަ ގުޅައިދިނުން ހިމެނެއެވެ.

މި މަޝްރޫޢަކީ 18ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މީގެތެރެއިން 15ރަށުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ. މި 18 ރަށުގެ މަސައްކަތަށް ޖުމްލަ 407 މިލިއަން ރުފިޔާ ހޭދަވެއެވެ. މިއީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

Advertisement

ކޮމެންޓް

Advertisement