"މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޢިލްމީ ޝަރުތުތަކެއް ކަނޑައަޅަންޖެހޭ"

02 Mar 2021 | 14:17

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންގެ ކިބައިގައި ހުރުން ލާޒިމްވާ ޢިލްމީ ޝަރުތު ތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވަނީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރި ކުރި ކުރީގެ ޓެކްނޮލަޖީ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލު، މަޖިލީހުގެ މެންބަރުންގެ ތަޢުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

މަލީޙުގެ ވާހަކައަށް ތާޢީދުކުރައްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެކަށީގެންވާ ގޮތުގައި ރައްޔިތުން ތަމްސީލުކުރެވޭނީ އެކި ދާއިރާތަކުން ޢިލްމާއި ތަޖްރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް ކަމަށެވެ.

ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ޕާލަމެންޓް މެންބަރުންގައި ހުރުން ލާޒިމްވާ އިލްމީ ޝަރުތުތަކެއް ކަނޑައަޅައިފައި ނުވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެފަދަ ޤައުމުތަކުގައި މެންބަރުކަމަށް ކުރިމަތިލަނީ ޢިލްމީ ގޮތުން ފުންނާބު އުސް މީހުންކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ތަޢުލީމީ ގޮތުން ވަކި ފެންވަރެއް ނެތް ފަރާތްތަކަށް ގިނަ ވަޒީފާތައް ނުލިބޭއިރު، ބޮޑު މުސާރައެއް ލިބޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ތަޢުލީމީ ފެންވަރެއް ހުންނަން ނުޖެހުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. 

Advertisement

ކޮމެންޓް