ސަރުކާރުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަސައްކަތްތައް މަދު: ނަޝީދު

03 Mar 2021 | 00:45

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި، އެހެން އެކަންވަނީ ސަރުކާރުން ފޮނުވަންޖެހޭ ބިލުތައް ނުފޮނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކޮންމެ އަހަރަކުވެސް، އާ ދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ. މި ދައުރުގައި ވެސް ލިސްޓު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތާއި، ވަޒީފާއެއް ނެތި ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ޢިނާޔަތެއް ދިނުމުގެ ބިލުގެ މަސައްކަތްވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

އެއީ އެމްޑީޕީގެ އެޖެންޑާ19ގެ ބާކީ ހުރި ބިލުތަކުގެ ތެރެއިން ބިލެއްކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީން އަބަދުވެސް އެ ޕާޓީގެ ލެޖިސްލޭޓިވް އެޖެންޑާ ސާފުކޮށްދީފައި އޮންނަ ކަމަށެވެ.

Advertisement

ކޮމެންޓް