ތިމާވެށީގެ ނަމުގައި މަޝްރޫޢުތައް ހުއްޓުވާކަމަށް ވިދާޅުވެ ޝިޔާމްގެ ކަންބޮޑުވުން!

02 Mar 2021 | 13:51

ތިމާވެށީގެ ނަމުގައި ދިވެހިރާއްޖޭގައި ހިންގާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހުއްޓުވަން ބައެއް ފަރާތްތަކުން މަސައްކަތް ކުރައްވާތީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އޭނާ ކަންބޮޑުވުންތައް ފާޅުކުރެއްވީ އޭޑީބޭގެ އެހީގައި ރާއްޖޭގައި ލިކުއިޑިފައިޑް ނޭޗުރަލް ގޭސް ސްޓޭޝަނެއް ޤާއިމުކުރުމަށް ނިންމާފައިވާ މަޝްރޫޢު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ތިމާވެށި ވިއްކައިގެން، ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކުރާ ވެރީން ރާއްޖޭގައި ފެނިގެންގޮސްފައިވާ ކަމަށެވެ. ޤައުމަށް އަންނަން ހުރި ބޮޑެތި މަޝްރޫޢުތަކާއި، ޤައުމު އާރާސްތު ކުރުމަށް އޮންނަ މަގު ތިމާވެށީގެ ނަމުގައި ބަންދު ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށްވުރެ ގިނައޭ އެމެރިކާ މީހުން ގްރީން އެނަރޖީގެ ވާހަކަ ދައްކާލެއް. އަޅުގަނޑުމެންނަށްވުރެ ގިނައޭ ޗައިނާ މީހުން އިޔާދަކުވަނިވި ހަކަތައިގެ ވާހަކަ ދައްކާލެއް. އެކަމަކު އެތަންތާގަ އެވާހަކަތައް ދައްކަމުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އެއާޕޯޓް އެޅުމުގެ މަޝްރޫޢުތައް ފަދަ މަސައްކަތްތައް ހުއްޓުވުމަށް ތިމާވެށީގެ ޙައްޤުގައި ވަކާލާތު ކުރާ ޖަމުޢިއްޔާތައް ފޮނުވައިގެންވެސް މަސައްކަތްތަކެއް ކޮށްފައި އެބަހުރި ކަމަށާއި، އެއީ ރަށްތަކަށް ކުރިއެރުން ގެނެސްފާނެތީ ހަސަދަވެރިވާ ބަޔަކު ކުރުވާ ކަމެއް ކަމަށެވެ.

"ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި. ރަށްގިރުމުގެ މައްސަލަތައް ޙައްލު ކުރުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްފައިވާނީ އަޅުގަނޑުމެންގެ ސަރުކާރުގައި. އެކަމަކު މިހާރު މިއޮތް ސަރުކާރަށް ކޮންކްރީޓަކީ ތިމާވެށި ހިމާޔަތް ކުރާ އެއްޗަކަށް ނުވޭ. އެކަމަކު ކޮންކްރީޓް ބޭނުންކޮށްގެން ގޮނޑުދޮށްތައް އެހެރީ ހިމާޔަތްކޮށްފައި" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކައިގައި ވަނީ ކޮންކްރީޓުން އަޅާފައިވާ ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުންތެރިކަން އިތުރުވެފައިވާކަން ފާހަގަކުރައްވައިފައެވެ. 

Advertisement

ކޮމެންޓް

Advertisement