ހިޔާ ފްލެޓް މައްސަލައިގައި އަސްލަމާއި ޝިފާ ކޮމެޓީއަށް ހާޒިރު ކުރަނީ

02 Mar 2021 | 23:16

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުޙައްމަދާއި، މާލޭގެ މޭޔަރު ޝިފާ މުޙައްމަދު އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އެ މައްސަލަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރިޔާސަތުން، ރައީސް މުހައްމަދު ނަޝީދު އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވީ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އާއި ފްލެޓް ކޮމެޓީގެ ރައީސް ތޯހާ މުހައްމަދުގެ އިތުރުން އޭޖީ އިބްރާހިމް ރިއްފަތު އާއި އެޗްޑީސީ ގެ އެމްޑީ ސުހައިލް އަހްމަދު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސަލަފިއްޔާ އަހްމަދު ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށެވެ.

މެމްބަރު ސަލީމްގެ ހުށަހެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އަދި އޭނާ އެދިވަޑައިގަތީ މާދަމާ އެ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކޮށްދިނުމަށެވެ. 

Advertisement

ކޮމެންޓް