ރ.އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަމަށް ގަބޫލުކުރަން: ރައީސް ޞާލިޙް

03 Mar 2021 | 08:38

ރ.އަތޮޅުގެ ސަރަޙައްދަށް އިތުރު އެއާޕޯޓެއް ބޭނުންވާކަމަށް ގަބޫލުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުކޮށް އެމްޑީޕީން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރ.އަތޮޅަށް މިރޭ ބޭއްވި ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ރ.އަތޮޅުގެ ދެކުނު ސަރަޙައްދަށް ވައިގެ ދަތުރު ކުރެވޭނެގޮތް ބޭނުންވާކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެއާޕޯޓް އަޅާނެ ވަކި ރަށެއް އަދި ކަނޑައަޅާފައި ނުދެންނެވޭނެކަމަށެވެ. އަދި އެކަމާއި މެދު ވަކިގޮތެއް ނިންމިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބުގެ ތެރެއިންވެސް އެ ސަރަޙައްދަށް ވައިގެ ބަނދަރެއް ބޭނުންވާކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާފައިވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ރަށަކަށް އެންމެ ރަނގަޅުވާނެ ގޮތެއް ބެލުމަށްފަހު އެކަމާއި މެދު ގޮތެެއް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރ. އަތޮޅުގައި މިހާރު އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ އެ އަތޮޅުގެ އެންމެ އުތުރުގައި ހަދާފައިވާ އިފުރު އެއާޕޯޓެވެ. މިދިޔަ ސަރުކާރުން އެ އަތޮޅުގެ ފައިނުގައިވެސް އެއާޕޯޓެއް އެޅުމަށް ރޭވިއެވެ. ނަމަވެސް އެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓާއި އާންމުންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށްބުނެ ފަހުން ވަނީ ކެންސަލްކޮށްފައެވެ.

Advertisement

ކޮމެންޓް