އަނަސްގެ މަރާ ގުޅޭ ހެކި ފޯނަކުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

03 Mar 2021 | 05:30

2017 ވަނަ އަހަރު އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސްގެ  މަރުގެ މައްސަލަ މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވަމުން ގެންދާ ރަށްވެހި ފަތިސް ކެމްޕެއިން ގައި ރ.އަތޮޅަށް ނިސްބަތްވާ ކެނޑިޑޭޓުންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްްގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަނަސްގެ މަރުގެ މައްސަލައިގައި މިހާރު ބާކީ އޮތީ ފޮރެންސިކަށް ފޮނުވަންޖެހޭ އެންމެ އެއްޗެއް ފޮނުވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއީ ފޯނެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެމައްސަލައިގައި ދެން އޮތީ ފޯނެއް ސިންގަޕޫރަށް ފޮނުވައި ހޯދަން ޖެހޭ މަޢުލޫމާތުތަކެއް ކަމަށާއި، އެމަޢުލޫމާތު ހޯދުމަށްފަހު އަނަސްގެ މަރުގެ އެންމެފަހުގެ ރިޕޯޓު މަރު ކޮމިޝަނުން އާންމުކުރައްވާނެ ކަމަށެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކަމަށްވާއިރު އޭނާގެ މަރުގެ މައްސަލަ މަރު ކޮމިޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ. އަނަސް މަރާލީ އޭނާގެ ގައިގެ 37 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ.

މިމަރުގެ މައްސަލާގައި ހަތް މީހަކާއި ކުޑަ ކުއްޖެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައިވަނީ ދަޢުވާ އުފުލާފައެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ސ.ފޭދޫ ވެސްޓަންވިލާ ޙަސަން މަޙްފޫޒް އާއި ތ.ކިނބިދޫ ގުލްފާމްގޭ މުޙައްމަދު ޝާޒް އާއި މ.ދިމިޝްޤު އުސްމާން ޝަރީފާއި ލ.ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އާއި ޅ.ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި ގ.ލޮނުމިދިލިގޭ އަފްރާހް ޢަބްދުއްރައްޒާޤްގެ މައްޗަށެވެ.

Advertisement

ކޮމެންޓް

Advertisement