އެންޑޯމެޓްރިއޯސިސްގެ ވާހަކަ އިތުރަށް ދައްކަންޖެހޭ!

04 Mar 2021 | 10:56

ޞިއްޙީ މައްސަލަތަކަކީ ކޮންމެ އިންސާނަކަށްވެސް ދިމާވެދާނެ ފަދަ ކަމެކެވެ. އެ މައްސަަލަތަކުގެ ވާހަކަ ދައްކައި، ލިބެން އޮތް އެންމެ ރަނގަޅު ފަރުވާ ހޯދުމަކީ ހެޔޮގޮތެވެ. ނަމަވެސް ބައެއް ފަހަރަށް ބައެއް ސިއްހީ ކަންކަމުގެ ވާހަކަ ފާޅުގައި ދެެއްކުންވެފައި އޮންނަނީ "ގޯސް" ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން އެކަން ތަހައްމަލްކުރާކަން އެނގިހުރެ، އަދި ނޭނގި ހުރެވެސް ފަރުވާ ހޯދަން ދާން ފަސްޖެހޭ ފަހަރުތައް މަދެއްވެސް ނޫނެވެ. 

ވަކިން ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތާއި ދަރިމައިވުމުގެ ނިޒާމަށް ދިމާވާ ބައެއް މައްސަލަތައް ފާޅުގައި ދެއްކުމަކީ މި ދިވެހި މުޖުތަމައުގައިވެސް ބައެއް ފަހަރަށް ވަރަށް "ލަދުވެތި" ކަމެކެވެ. އެގޮތުން މިފަދަ އެއް ކަމަކީ އެންޑޯމެޓްރިއޯސިސްއެވެ.

އެންޑޯމެޓްރިއޯސިސްއަކީ އަންހެނާގެ ރަހިމުގައި އުފެދޭ ލޭގެ ފަށަލަ ފަދަ ފަށަލަތައް ހަށިގަނޑުގެ އެހެން ތަންތަނުގައިވެސް އުފެދުމުގެ ޙާލަތަށް ކިޔާ ނަމެވެ. ކޮންމެ މަހަކުވެސް މި ސެލްތައް އާންމުކޮށް ރަހިމުގައިވާ ސެލްތައް ޢަމަލުކުރާ ފަދައިން ޢަމަލުކުރެއެވެ. ނަމަވެސް މައްސަރުގެ ދުވަސްވަރުގައި ލޭ ބޭރުވާ ފަދައިން މި ސެލްތައް ހަށިގަނޑު ދޫކޮށްދާނެ ގޮތެއް ނޯވެއެވެ. މީގެ ސަބަބުން މައްސަރުގެ ކަންކަން ގޯސްވެ، ދަރިމައިވުމުގެ މައްސަލަތައް ދިމާވެ، ލޮޑުވުމާއި ކުޑަކަމުދާ ނިޒާމްގެ މައްސަލަތައްވެސް ދިމާވެގެންދެއެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވެއެވެ. އެހެންކަމުން ބައެއް ފަހަރަށް މި ޙާލަތު ހުއްޓަސް އެކަން ނޭނގިގެންދެއެވެ. މިކަމުގެ ބައެއް އާންމު އަލާމާތްތަކަކީ ބަނޑުދަށުގައި ރިއްސުން (ވަކިން ޚާއްޞަކޮށް މައްސަރުގެ ދުވަސްވަރު ގަދަޔަށް ރިއްސުން)، އާންމު ދިރިއުޅުމަށް އަސަރުކުރާ ވަރަށް މައްސަރުގެ ކަންކަން ގޯސްވުން، ޖިންސީ ގުޅުން ހިންގުމުގެ ތެރޭ އަދި ހިންގުމަށްފަހު ތަދުވުން އަދި ދަރިމައިވުމަށް އުނދަގޫވުން ހިމެނެއެވެ.  

އެންޑޯމެޓްރިއޯސިސްއަކީ ދަރިމައިވެވޭނެ އުމުރުގެ ކޮންމެ އަންހެނަކަށްވެސް ދިމާވެދާނެފަދަ ކަމެކެވެ. މިކަމުގެ އަސަރުތައް ބައެއް ފަހަރަށް މުޅި އުމުރު ދުވަހަކަށްވެސް ތަހައްމަލްކުރަންޖެހިދާނެއެވެ. ދަރިމައިވުމުގެ މައްސަލަތަކާ މެދު ހޭލުންތެރިކުރުމަށް އުފައްދާފައިވާ ޖަމުޢިއްޔާއެއްކަމަށްވާ ފާޓިލިޓީ ސަޕޯޓް ގްރޫޕްއިން މަޢުލޫމާތުދޭ ގޮތުގައި އެ ޖަމުޢިއްޔާއިން ހިންގި ސެޝަންތަކުން ވަނީ އެންޑޯމެޓްރިއޯސިސްއަކީ ދަރިމައިވުމުގެ ކަންކަމުގައި ދެވަނައަށް އެންމެ ގިނައިން ކުރިމަތިވާ މައްސަލައެވެ. 

މިކަމަކީ ސީދާ ދާއިމީ ފަރުވާއެއް ހޯދިފައި ނުވާ ޙާލަތެއް ނަމަވެސް، އަވަހަށް ދެނެގަނެވިއްޖެނަމަ ރަނގަޅު އެންޑިއޯމެޓްރިސް ފަރުވާއާ އެކު ކަމުގެ އަސަރުތައް ކުޑަކުރެވިދާނެއެވެ. މިއީ އިންފެކްޝަނެއް، ކެންސަރެއް އަދި ގައިން ގަޔަށް އަރާފަދަ ކަމެއް ނޫނެވެ. އެހެންކަމުން މިފަދައިން އެންޑޯމެޓްރިއޯސިސް ހުންނަ ފަރާތްތަކަށް މުޖުތަަމައުގެ އަޅާލުމާއި ލޯބި ފޯރުކޮށްދީ، އެފަރާތްތަކަށް ފަސޭހައިން ފަރުވާ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. 

ކޮންމެ އަހަރެއްގެވެސް މާޗް މަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވެނީ އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކުރުވުމުގެ ގޮތުން "އެންޑޯމާޗް"ގެ ނަމުގައެވެ. މިއަހަރުގެ އެންޑޯމާޗް ފާހަގަކުރުމަށް ފާޓިލިޓީ ސަޕޯޓް ގްރޫޕް އަދި އެންޑޯ މޯލްޑިވްސްއިން ގުޅިގެން ވަނީ ދިވެހިރާއްޖޭގައި ޤައުމީ ކެމްޕޭނެއް ފަށާފައެވެ.

Advertisement

ކޮމެންޓް