ފަލަސްޠީނުގައި ހިނގާފައިވާ ހަނގުރާމައިގެ ކުށްތައް އައިސީސީގެ ޕްރޮސެކިއުޓަރ އޮފީހުން ތަޙުޤީޤުކުރަނީ

03 Mar 2021 | 22:42

ފަލަސްޠީނުގެ ސަރަޙައްދުގައި 2014ވަނަ އަހަރުގެ ޖޫންމަހުގެ 13ވަނަ ދުވަހުގެ ފަހުން ހިނގާފައިވާކަމަށް ބެލެވޭ ހަނގުރާމައިގެ ކުށްތައް ތަހުގީގުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ އޮފީހުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ނެރެފައިވާ ބަޔާނެއްގައި އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ފަތޯ ބެންސޫދާ ވިދާޅުވީ ފަލަސްޠީނުގެ ހާލަތާއި ގުޅޭގޮތުން އައިސީސީގެ ޕްރޮސެކިއުޓަރގެ އޮފީހުން ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި، މި ތަޙުޤީޤުގައި އައިސީސީއަށް ބެލޭނެފަދަ މައްސަލަތަކުގެ ތެރެއިން 2014ވަނަ އަހަރުގެ ޖޫންމަހުގެ 13ވަނަ ދުވަހުގެ ފަހުން ހިނގާފައިވާކަމަށް ބެލެވޭ  މައްސަލަތައް ތަޙުޤީޤުކުރެވިގެންދާނެކަމަށެވެ. މި މައްސަލަތައް ބަލާނީ އެއްވެސް ބިރަކާއި ފަސްޖެހުމެއްނެތި ހަމަހަމަކަމާ އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ތަޙުޤީޤުގެ ތެރެއިން ގުދުސް، ހުޅަނގު އައްސޭރި އަދި ޣައްޒާ ސަަރަހައްދުގައި ހިނގާފައިވާކަމަށް ތުހުމަތުކުރެވިފައިވާ ހަނގުރާމައިގެ ކުށްތަކުގެ މައްސަލަތައް ތަހުގީގުކުރެވިގެންދާނެއެވެ. މި ސަރަޙައްދުތަކުގައި ހަނގުރާމައިގެ ކުށްތައް ހިންގާކަމުގެ ތުހުމަތުތައް އިޒްރޭލްގެ އިތުރުން ހަމާސް ފަދަ ޖަމާއަތްތަކުގެ މައްޗަށްވެސް ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ކޮށްފައެވެ.

އައިސީސީގެ މި ތަޙުޤީޤަށް ފަލަސްޠީން އަދި ހަމާސް ޖަމާއަތުން ވަނީ މަރުޙަބާ ކިޔާފައެވެ. މިކަމާއި ދެކޮޅަށް އިޒްރޭލުން ވަނީ އަޑު އުފުލާފައެވެ. އަދި މިއީ އެ ކޯޓަށް ބެލޭނެފަދަ މައްސަަލައެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ. އިޒްރޭލަކީ އައިސީސީ އުފެއްދި ރޯމް ސްޓެޓިއުޓްގެ މެންބަރެއް ނޫނެވެ.

މިއަހަރުގެ ފެބްރުއަރީމަހުގައި އައިސީސީން ވަނީ ފަލަސްޠީނުގެ ސަރަޙައްދުތަކުގެ މައްސަލަތައް އެ ކޯޓަށް ބެލޭނެކަމަށް ޙުކުމްކޮށްފައެވެ. އައިސީސީގެ އިޚްތިސާސްގައި ހިމެނޭ މައްސަލަތައް އެކޯޓުގެ ޕްރޮސެކިއުޓަރުން ބެލުމަށްފަހު ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވެފައިވާކަމަށް ފެންނަނަމަ، ވަކިވަކި ފަރުދުންގެ މައްޗަށް ދަޢުވާ އުފުލައި ޙުކުމްކުރުމުގެ ބާރު އެކޯޓަށް ލިބިގެންވެއެވެ. 

Advertisement

ކޮމެންޓް