Advertisement

އިންޑިއާ ޑިމޮކްރަސީ ދޫކޮށް ޚުދުމުޚްތާރުކަމާއި ދިމާއަށް: ފްރީޑަމްހައުސްގެ ރިޕޯޓް

04 Mar 2021 | 12:12

އިންޑިއާއަކީ ފުރިހަމަ ޑިމޮކްރެޓިކް އަދި މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ މިހާރު އެޤައުމުގެ ހިންގުމަށް ޚުދުމުޚްތާރުކަމުގެ ސިފަ އައިސްފައިވާކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާއިން ފަންޑުކުރާ އެންޖީއޯއެއްކަމުގައިވާ ފްރީޑަމް ހައުސްއިން ގްލޯބަލް ޕޮލިޓިކަލް ރައިޓްސް ލިބަރޓީގެ ކަންކަންބަޔާންކޮށް އަހަރަކު އެއްފަހަރު ނެރޭ މިއަހަރުގެ ރިޕޯޓްގެ އެންމެ ކުރީ ސަފުގައި އިންޑިއާ ގެނެސްފައިވަނީ އެޤައުމުގެ ޑިމޮކްރެޓިކް ފްރީ މާހައުލު ދެބައިކުޅަ އެއްބައި ދަށަށްގޮސްފައިވާކަމަށެވެ. " ޑިމޮކްރަސީ ހިސާރުކުރެވިފައި'' ނަމުގައި ނެރުނު މިއަހަރުގެ ރިޕޯޓްގައި ކުރިން ފްރީ ޤައުމެއްގެގޮތުގައި 100 އިން ރޭޓްކުރެވުނު އަދި ޑިމޮކްރަސީއާއި މިނިވަންކަމުގެ ވާހަކައިން އަވަށްޓެރި ޤައުމުތަކަށް ނަސޭހަތްދެމުން ގެންދިޔަ އިންޑިއާ މިހާރުވަނީ 67 އަކަށް ސޮއްސާލާފައެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށް މިއައި ބަދަލާއެކު ދުނިޔޭގެ ނިޒާމު ޚުދުމުޚްތާރުކަމުގެ ނިޒާމަކާއިދިމާއަށް އެބުރިފައިވާކަމުގައި ބުނެފައިވެއެވެ.

'' ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އިންޑިއާ ޕާޓްލީ ފްރީ ޤައުމެއްގެގޮތުގައި ރޭޓްކުރުމުން ފްރީކޮށް މިހާރު އުޅެވެނީ ދުނިޔޭގެ އާބާދީގެ އެންމެ 20 އިންސައްތަ މީހުންނަށް. މިއީ 1995 އަހަރުގެ ފަހުން ދުނިޔެގައި ފްރީކޮށް އުޅެވޭ އެންމެ މަދު އާބަދީ'' މިރިޕޯޓްގައި ވެއެވެ.

މިރިޕޯޓާއިމެދު އިންޑިއާ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

2004 ވަނަ އަހަރުގެ ފަހުން އިންޑިއާގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ސަރުކާރުން ޕްރެޝަރު ކުރަމުންދިއުމާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސަރުކާރުން ބެހި އަދި މުސްލިމުންނާއި ދެކޮޅަށް ދެވެމުންދިއަ ހަމަލާތަކުން އެޤައުމުގެ ސިޔާސީ އަދި ސިވިލް ލިބަޓީއަށް ލޮޅުން އަރާފައިވާކަމަށްވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ ވެރިކަމަށް އައުމަށް ނަރެންދުރަ މޯދީގެ ލީޑަރޝިޕްގެ ދަށުގައި 2004 ވަނަ އަހަރު ބަހާރަތިޔާ ޖަނަތާ ޕާޓީ، ބީޖޭޕީ ފުރިހަމަ ކާމިޔާބަކުން ކާމިޔާބު ހޯދިއެވެ. އަދި އޭގެފަސް އަހަރުފަހުން މޯދީ އަދި އެއަށްވުރެ ބޮޑު ބާރުގަދަ ބޮޑުވަޒީރެއްގެ ގޮތުގައި އަލުން އިންތިޚާބުވިއެވެ.

'' ދުނިޔޭގެ ޑިމޮކްރަސީގެ ލީޑަރގެ ގޮތުގައި ބެލެވެމުންއައި އިންޑިއާ އެޤައުމު ޤައުމެއްގެ ގޮތުގައި އުފެއްދުމަށް ބިނާކުރި ވެލިއުސްކަމުގައިވާ އެންމެންނަށް ހަމަހަމަކަން މޯދީގެ ލީޑަރޝިޕްގެ ދަށުގައި ނަގާލުމަށްފަހު ނެރޯ ހިންދޫ ވަތަނީ ގޮތްތައްދަނީ ތަޢާރަފުކުރަމުން''

އިންޑިއާގެ ރައްޔިތުކަން ކަނޑައެޅުމުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙުތަކުން ހިންދީދީނުގެ މީހުން ނޫން އެހެން މައިނޯރިޓީ ދީންތަކުގެ ޚާއްޞަކޮށް މުސްލިމުންނަކީ އިންޑިއާ ރައްޔިތުން ނޫންކަމަށް ކަނޑައަޅަން ބާރުދިނުމާއި ދެކޮޅު ހެދިމީހުންގެ އަޑު ކަނޑުވާލުންފަދަ ކަންކަމަކީ އިންޑިއާގެ ރޭޓިން ދަށަށްދިއުމަށް މެދުވެރިވި ކަންކަމެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންނަށް އެއްވެސް އެންގުމެއް އަދި ވަގުތުކޮޅެއްވެސް ނުދީ އިންޑިއާ ފުރަބަންދުކުރުމަށް ކުއްލިގޮތަކަށް އިޢުލާނުކުރި ސްޓޭޓް އޮފް އިމަޖެންސީއާއި ފުރަބަންދަކީވެސް އެގައުމުގައި މިނިވަންކަން ގެއްލުވާލާފައިވާ މިންވަރު އެގިގެންދާކަމެކެވެ.

މިރިޕޯޓްގައި އިންޑިއާގެ ޑިމޮކްރަސީ ނެތެމުންދާކަމަށް ބުނެފައިވާއިރު އެޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޒުވާން ލީޑަރ ރާހުލް ގާނދީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ ހައްދުފަހަނައަޅާފައިވާ ހިންދޫ އާރްއެސްއެސްއާއި ބީޖޭޕީން އެޤައުމުގެ މިނިވަން ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައް ފޫއަޅުވާލައި އެތަންތަނުގެ މައްޗަށް ބާރުގަދަކޮށް އިންޑިއާގެ ޑިމޮކްރަސީ މަރާލާފައިވާކަމަށެވެ. އިންޑިއާ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ ވޯޓުކަމަށް އޭނާ ވިދާޅުވިއެވެ.

ފްރީޑަމް ހައުސްގެ ރިޕޯޓްގައި އެހެންޤައުމުތަކުގެ ވާހަކަވެސް ގެނެސްފައިވެއެވެ. ޗައިނާއާއިބެހޭގޮތުން ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން އެޤައުމަށް ކިޔުނު ފާޑުކިއުންތަކުން ސަލާމަތްވުމަށް ދޮގު މަޢުލޫމާތު ފެތުރުމާއި ޚަބަރުތައް ސެންސަރުކުރުމުގެ ޕްރޮޕެގެންޑާއެއް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންގެންދާކަމަށެވެ. ޗައިނާއަކީ އެއް އިރެއްގައިވެސް ޑިމޮކްރެޓިކް ޤައުމެއްގެ ގޮތުގައި ބެލި ޤައުމެއް ނޫނެވެ. އެމެރިކާއާއި ބެހޭގޮތުން ބުނެފައިވަނީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ އެންމެ ފަހުވަގުތު އެޤައުމުގެ ޤާނޫނު ހަދާމަޖިލީހަށް މީހުން ވަދެ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ހިންގާފައިވާ ހަރަކާތްތަކުން ދުނިޔޭގެ ކުރިމަތީގައި އެޤައުމުގެ ޑިމޮކްރަސީގެ ތަސައްވުރު ވަރަށް ބޮޑަށް ކިލަނބުވެގެންގޮސްފައިވާކަމަށެވެ.

Advertisement

ކޮމެންޓް