ދަރިންގެ ޙައްޤުތައް

07 Dec 2018 | 11:43

އަޙްމަދު ފަހުމީ ދީދީ

އެންމެހައި ޙަމްދާއި ތަޢުރީފު ޙައްޤުވެގެން ވަނީ އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އެ ކަލާނގެއީ އެ ކަލާނގެ ކުޅަދުންވަންތަވެރިކަމުން އިންސާނުން ދެ ޖިންސުން ހައްދަވައި ދުނިޔަވީ ޙަޔާތުގެ ހިތްހަމަޖެހުމާއި އުފާކަމުގައިވާ ދަރިންނާއި ކާފަދަރިން ގެ ނިޢުމަތް އަހަރެމެންނަށް މިންވަރުކުރެއްވި ރަސްކަލާނގެ އެވެ. އަދި މި ލޮބުވެތި ދަރިން ތަރުބިޔަތު ކުރުމުގެ ރަނގަޅު ގޮތާއި އެ ކުދިންނަށް މައިން ބަފައި އަދާކުރަން ޖެހޭ ޙައްޤުތައް އުނގަންނައިދެއްވުމަށް ﷲ ފޮނުއްވި ނަބީއާ މުޙައްމަދުގެފާނަށާއި އެ ނަބީއާގެ އާލުންނާއި އަޞްޙާބުންނަށް ޞަަވާތާއި ސަލާމް ލައްވައިފާނދޭވެ.

ޝައްކެއް ނެތް ގޮތުގައި ދަރިންނަކީ މި ދުނިޔޭގައި ﷲ މިންވަރުކުރައްވާ ނިޢުމަތެކެވެ. އަދި ހަމަ އެފަދައިން އެއީ އަމާނާތެކެވެ. އެހެންވީމައި އެ އަމާނާތް ބެލެހެއްޓުމު ގައި ޢަމަލުކުރަން މި ޖެހެނީ ﷲ ތަޢާލާ އާއި އެ ކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަންގަވާފައިވާ ގޮތަށެވެ. މި މަޟްމޫނު ގައި މި ބަލާލަނީ މައިން ބަފައިން ދަރިންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކުގެ މައްޗަށެވެ. އިޖުމާލީ ގޮތެއްގައި ﷲ ތަޢާލާ ގެ އަންނަނިވި ބަސްފުޅުން މައިން ބަފައިން އަދާކޮށްދޭން ޖެހޭ ދަރިންގެ ޙައްޤުތަކަކީ ކޮބައިކަން ވަރަށް ސާފުކޮށް ދޭހަވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ [التحريم: 6] މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ أއަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ. "

ކީރިތި ރަސޫލާ صَلَّى الله عَلَيهِ وَسَلَّمَ ގެ ސުންނަތުގައި ވެސް ކޮންމެ މީހަކި ވެސް އެ މީހަކާ ޙަވާލުކުރެވިފައިވާ ބަޔަކާ މެދު ސުވާލު ކުރެވޭނެ މީހަކު ކަމުގައި ޙަދީސް ކުރައްވާފައި ވެ އެވެ. ﷲ އެ ދެބޭކަލުންނަށް ރުއްސުން ލެއްވި ޢަބްދު ﷲ ބުނު ޢުމަރުގެ އަރިހުން އަލްބުޚާރީ ރިވާ ކުރެއްވި ޙަދީސެއް ގައި ވަނީ: (إِنَّ اللهَ سَائِل ُكُلَّ راَعٍ عَمَّا اسْتـَرْعَاهُ، أَحَفِظَ ذَلِكَ أَمْ ضَيَّعَ؟ حَتَّى يَسأَلَ الرَّجُلَ عَنْ أَهْلِ بَيْتِهِ). މާނައީ: "ﷲ ތަޢާލާ ކޮންމެ މީހަކާ ވެސް ޝަރުޢީ ގޮތުން އޭނާއާ ޙަވާލުކުރެވިފައިވާ ބަޔަކާ މެދު ސުވާލު ކުރައްވާހުއްޓެވެ. އެއީ އޭނާ އެ ބަޔަކު ރައްކާތެރި ކޮށް ބެލެހެއްޓީތޯ ނުވަތަ ގެއްލިގެންދާން ދޫކޮށްލީތޯ؟ މި ގޮތަށް މީހުންގެ އަހުލުވެރިންނާ ބެހޭ ގޮތުން ވެސް ﷲ ތަޢާލާ ސުވާލު ކުރައްވާ ހުއްޓެވެ." މި މައުޟޫޢު ގައި ތަފާތު ޢިބާރާތްތަކުން 100 ވަރަކަށް ޙަދީސް އައިސްފައި ވެ އެވެ. އެހެންވީމައި އެ ކަމުން ދޭހަވަނީ މަސްއޫލިއްޔަތު އުފުލުމުގެ ކަމުގެ މުހިންމުކަމެވެ.

މައިންބަފައިން ދަރިންނަށް އަދާކޮށްދޭން ޖެހޭ ޙައްޤު ފެށޭ ހިސާބު: ދަރިފުޅު އުފަން ވުމުގެ ކުރިން މި ޙައްޤުތައް ފެށެ އެވެ. އެއީ އިސްލާމް ދީނުގައި ޙަޔާތުގެ ބައިވެރިޔަކު ހޮވާ ހިސާބަކީ އެ ޒިންމާ ބޮލުގަ އެޅޭ ހިސާބެވެ. ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާ އަރިހުން އަލްއިމާމުލް ބުޚާރީ ރިވާ ކުރެއްވި ޙަދީސެއް ގައި ވަނީ: ( تُنكَحُ الْمَرأَةُ لِأَرْبَعٍ ، لِدِينِهَا وَجَمَالِـهَا وَمَالِـهَا وَحَسَبِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ ) ހަތަރު ސިފައަކަށް ބަލައިގެން ފިރިހެނުން މީހުންނާ އިނދެ އުޅެ އެވެ. އެއީ އަންހެނާގެ ދީންވެރިކަމާއި ރީތިކަމާއި މުދާވެރިކަމާއި ޙަސަބާއި ނަސަބެވެ. އެތަނުން ތިބާ ދީންވެރި އަންހެނާ ޚިޔާރު ކުރާށެވެ. އޭރުން ހުރިހާ މޮޅެއް ޙާޞިލުވީ އެވެ." ހަމަ މިފަދައިން އެ ފިރިހެނެއްގެ ދީންވެރިކަމާއި ޚުލުޤާ ދޭތެރޭ ރުހެވޭ ހެޔޮލަފާ ފިރިހެނަކު އަންހެނެއްގެ ކާވަންޏަށް އެދި އައުމުން އެ ކާވަނި ނުކޮށްދީ ދޫކޮށްނުލުމަށް އަންގަވާފައި ވެ އެވެ. ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި ޙަދީސެއް ގައި ވަނީ: (إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَزَوِّجُوهُ، إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ، وَفَسَادٌ عَرِيضٌ) މާނައީ: "އެ މީހެއްގެ ދީންވެރިކަމާއި އަޚްލާޤާ ދޭތެރޭ ގައި ތިޔަބައިމީހުން ހިތްހަމަޖެހޭ މީހަކު ތިމާގެ އަންހެން ދަރިއެއްގެ ކާވަންޏަށް އެދި ހުށައެމުން [ދުނިޔަވީ މަންފާ އަށް ޓަކާ] އެ ކާވަނި ޤަބޫލުނުކޮށް ދޫކޮށްލަަައިފި ނަމަ އޭގެ ސަބަބުން ބޮޑުވެގެންވާ ފިތުނަ ފަސާދަ އަށް މަގުފަހިވެދާހުއްޓެވެ." މި ދެ ޙަދީސުން އެނގުނުގޮތު ގައި ދަރިންނަށް "ރަނގަޅު" ބައްޕައަކާއި "ރަނގަޅު" މަންމައެއް ހޯދައިދިނުމަކީ ދެމަފިރިންގެ ވާޖިބެކެވެ.

ދަރިންގެ ކާވަނި ހެޔޮގޮތުގައި ރާވައިދިނުމަކީ ވެސް ބައްޕަ ނުވަތަ އެންމެ އިސް ވަލީވެރިޔާގެ މަސްއޫލިއްޔަތެކެވެ. ކުރިން ބަޔާންވެދިޔަ ޙަދީސްތަކުން ވެސް އެކަން ވަރަށް ސާފުކޮށް ހާމަވެ އެވެ. ހުރިހާ ކަމެއް ކުދިންގެ އަތްމައްޗަށް ދޫކޮށްނުލައި ފެށުނީން ސުރެ ވާނުވާ ބަލައި ދީނުގެ ހަމަތަކާ އެއްގޮތަށް ކާވަނީގެ ކަންކަމު ގައި އެހީތެރިވެ އިރުޝާދު ދިނުމަކީ މައިންބަފައިން ކޮށްދޭން ޖެހޭނެ ކަމެކެވެ.

އުފަންވުމަށް ފަހު ކުރަން ޖެހޭ ކަންތައް: ދަރިފުޅު އުފަންވުމާ އެކު އެ ކުއްޖާ އަށް ފުރަތަމަ އެ ކުއްޖާގެ ކަންފަތަށް އިއްވަން ޖެހޭ އަޑަކީ ބައްގީގެ އަޑެވެ. އެއަށް ފަހު ތަޙްނީކު ކުރުމަކީ ސުންނަތެކެވެ. އެއީ ކަދުރުކޮޅެއް ޗިސްކޮށްލާފައި ދުލުގައި ޖެއްސުމެވެ. ދެން ރީތި ނަމެއް ކިޔުމާއި ނަން ކިޔާ ދުވަހު ބޯ ބާލައި އިސްތަށިކޮޅު ކިރައި އެ ބަރުދަނުގެ ރިހީގެ އަގު ޞަދަޤާތް ކުރުމަކީ ވެސް ސުންނަތެކެވެ. އަދި ޢަޤީޤާ ކަތިލުމަކީ ވެސް ސުންނަތެކެވެ.

ނަން ކިޔުމުގައި ބަލަންޖެހޭ ކަންކަމަކީ އެއީ މުސްލިމުންނަށް ކިޔައިއުޅޭ ނަމެއްތޯ އާއި ރީތި މާނައެއް ދޭހަވާ ނަމެއްތޯ ބެލުމެވެ. މީގެ އިތުރުން ފުރަތަމަ ކުއްޖާގެ ނަން ދެން އޭނާގެ ބައްޕަގެ ނަން ދެން އޭނާގެ ބަފައިފުށުގެ ކާފަގެ ނަން ކިޔުމަކީ، ނަސބު ސާބިތުވާ ކުދިންނަށް ނަން ކިޔަން އޮންނަ ގޮތެވެ. މިސާލަކަށް ކުއްޖާގެ ނަން (އިބްރާހީމު) ބައްޕަގެނަން (ޢަލީ) ކާފަގެ ނަން (މޫސާ) މި ގޮތަށެވެ. ނުވަތަ ކުއްޖާގެ ނަން (ޢަބްދުއް ރަޙީމު) ބައްޕަގެ ނަން (ޢަބްދު ﷲ) ކާފަގެ ނަން (ޢަބްދުލް ޚާލިޤު) މި ގޮތަށެވެ. އަންހެން ކުއްޖަކު ނަމަ ކުއްޖާގެ ނަން (ޢާއިޝާ) ބައްޕަގެ ނަން (ޢަބްދުﷲ) ކާފަގެ ނަން (ޢަބްދުލް ޚާލިޤު) މި ގޮތަށެވެ. ޢަރަބި ބަސް ފިޔަވައި ބޭރު ބަސްބަހުން ނަން ކިޔާ ނަމަ ނަބީންނާއި ރަސޫލުންގެ ނަން ފުޅުތައް ކުރީންސުރެ މުސްލިމުން ކިޔަމުން އައި ގޮތަށް ކިޔުން ހުއްދަ އެވެ. މިސާލަކަށް ޢީސާ ރަނގަޅެވެ. އެކަމަކު ޖީސަސް ކިޔުން ރަނގަޅެއް ނުވާނެ އެވެ. މޫސާ ރަނގަޅެވެ. އެކަމަކު މޮސެސް ކިޔުން ރަނގަޅެއް ނުވާނެ އެވެ. ނޫޙު ރަނގަޅެވެ. އެކަމަކު ނޯވާ ކިޔުން ރަނގަޅެއް ނުވާނެ އެވެ.

ދީނީ ތަރުބިޔަތު: ޢުމުރުން 7 އަހަރުވުމާ އެކު ނަމާދު ކުރުވަން ޖެހޭނެ އެވެ. އަދި 10 އަހަރު ފުރުމުން އަދަބުދީގެން ވެސް ނަމާދު ކުރުވަން ޖެހޭނެ އެވެ. މި ފަދަ ކަންކަމު ގައި ގެންގުޅެން ޖެހޭ އެންމެ މޮޅު ގޮތަކީ މައިން ބަފައިން ނަމޫމާ ދެއްކުމެވެ. ހަމަ އެފަދައިން ރިވެތި އަދަބުތައް ދަސްކޮށްދޭންވާނެ އެވެ. ފިރިހެން ދަރިން ޚިތާނު ކުރުން ފަދަ ފިޠުރަތުގެ ސުންނަތްތައް ފުރިހަމަ ކުރަންވާނެ އެވެ. ދީނީ ގޮތުން މުސްލިމަކަށް ބޭނުންވާ އަސާސީ ކަންތައްތައް ދަސްކޮށްދޭންވާނެ އެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް ހިނައި ޠާހިރުވުމާއި އަޅުކަން އަދާކުރާނެ ގޮތް ދަސްކޮށްދޭންވާނެ އެވެ. ދީނީ ތަޢުލީމުގެ އިތުރުުން ބޭނުންވާ ހުރިހާ ބާވަތެއްގެ ތަޢުލީމު ދޭންވާނެ އެވެ. ދީނަށް ޙުރުމަތްތެރިކޮށް ހިތާ، މައިން ބަފައިންނަށާއި ވެރިންނަށް ކިޔަމަންގަންނަ ބަޔަކަށް ދަރިން ހެދޭތޯ މަސައްކަތް ކުރަންވާނެ އެވެ. ކޮންމެ މަޔަކާއި ބަފަޔަކު މިގޮތަށް ޢަމަލުކޮށްފި ނަމަ ޤައުމުގައި މުޅިން ވެސް ތިބޭނީ ދީނަށް ލޯބިކުރާ، އެ ބަޔަކާ ހުރެ ޤައުމު ފަޚުރުވެރިވާ ފަދަ މުވާޠިނުންތަކެކެވެ. 

ޕޮޓޯ: އަވަސް

Advertisement

ކޮމެންޓް

Advertisement