Advertisement

އެއީ އިސްލާހީ ހަރަކާތެއްތަ ނުވަތަ ސަކަރާތެއްތަ؟

06 Mar 2021 | 13:33

އިސްލާހީ ހަރަކާތުގެ ލަފްޒަކީ އެއްވެސް ހާލަތެއްގައި ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ދިވެހިރާއްޖެއަށް މާނަވީ ޑިމޮކްރަޓިކް ބަދަލުތަކެއް ގެންނަން މަސައްކަތްކުރަން ފެށިފަހުން އެއީ ގިނަބަޔެއްގެ ދުލުކުރީގައިވާ ބަހެކެވެ. ތެދެކެވެ. ދިވެހިރާއްޖޭގައި ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކެއް އެބަހުއްޓެވެ. އެކަންކަން ހައްލުކުރަން ހަރުދަނާ ސަރުކާރުގެ އިތުރުން ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީގެކުރިންވެސް އިސްލާހީ ހަރަކާތުގެ ނަމުގައި ދިވެހި ސިޔާސީ އުދަރެހުން އެތަކެއް ހަރަކާތެއް ވަނީ އަލިކަން ފެނިފައެވެ. އެ ހަރަކާތްތަކުގެ މިހާރުގެ ހާލަތު ކޮންމެ ފަރުދަކަށްވެސް ވަރަށް ސާފުވާނެއެވެ. އެ ހަރަކާތްތައް ވަނީ އެކެއްގެ ފަހަތުގައި އަދި ވަށައިގެން އެނބުރޭ "ސިޔާސީ ކަލްޓް"ތަކަކަށް ބަދަލުވެފައެވެ. އަސްލު އަމާޒާއި މިސްރާބުން ކަސިޔާރުވެގެން ގޮސްފައެވެ.

ދާދިފަހުން ދިވެހިރާއްޖޭގައި މިވަނީ އާ އިސްލާހީ ހަރަކާތެއް އުފައްދާފައެވެ. ދިވެހި ގައުމީ ހަރަކާތް ނުވަތަ ރަސްމީ ނަމުންނަމަ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)އެވެ. ނަމުގެ ގޮތުން ކިތަންމެހާވެސް ތަފާތެވެ. އަމަލުގެ ގޮތުންވެސް ތަފާތުވާނެކަމަށް އިފްތިތާހީ ޖަލްސާގައި އެފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ޑީއެންއޭ އުފެއްދުމުގައި އެންމެ އިސްސަފުގައި ހުންނެވީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. ސިޔާސީ މަޝްރަހަށް އެއްވެސް ވަރަަކަށް އާ މޫނެއް ނޫނެވެ. އެތަކެއް ސިޔާސީ ފަރާތްތަކާ އެކު މަސައްކަތްކުރައްވާ، ސިޔާސީ ޓްރާންސްފަރ މާކެޓްގައި ނިކަން މަޝްހޫރު ބޭފުޅެކެވެ. އުމަރަކީ ދިވެހިރާއްޖޭގައި ގާނޫނީގޮތުން އެންމެ ފުރަތަމަ އުފެދުނު މަދު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ. އެއަށްފަހު ޑީއާރްޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީންވެސް އެބޭފުޅާ ފެނިގެންދިޔައެވެ.

އުމަރަކީ ސިޔާސީގޮތުން ތަޖުރިބާކާރު ބޭފުޅެކެވެ. މުހިންމު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، އެކަންކަމުގެ އިސް ސަފުގައިވެސް އުޅުއްވި ބޭފުޅެކެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަން އުމަރަށް ހައްގެވެ. އެހެނަސް ފާއިތުވެގެންދިޔަ އަހަރުތަކުގައި ސިޔާސީ އުދަރެހުން އުމަރުގެ ތަރީގެ އަލިކަން ވަނީ ވަރަށް ބޮޑަށް ފަނޑުވެގެން ގޮސްފައެވެ. ދޭތެރެއިން ހެޑްލައިނެއް ހެއްދެވުން ފިޔަވާ މާބޮޑު ކަމެއް ކުރައްވާފައެއް ނުވެއެވެ. ފަހަރުގައި ވިޔަފާރިއަށް ސަމާލުކަން ދެއްވައިގެން، ސިޔާސީ ކުޅިބައި އެތުރެމުންދިޔަ ގޮތް އަރިމަތިން ބައްލަވަން ހުންނެވީކަމަށް ވެދާނެއެވެ. މި މުއްދަތުގައި އެއްވެސް ސިޔާސީ ފިކުރަކުންވެސް އުމަރު އެ އޮޑިއަށް އަރުވަން މަސައްކަތް ކުރިތަން ފެނިފައެއް ނުވެއެވެ.

ޑީއެންއޭއަކީ އުމަރު އިސްވެ އުފައްދަވާ ހަރަކާތެއްކަން ހާމަވުމުން، އާންމު ރައްޔިތުން އެކަމަށް ލައްކަ ފާޑެއްކީތަން ވަނީ ފެނިފައެވެ. އުމަރަކީ ފެއިލް ޕްރޮޑަކްޓެއް ކަމަށާއި، އަދި އެބޭފުޅާއާ އެކު މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ފަދަ ފަރާތްތަކަކީވެސް ސިޔާސީގޮތުން ބާވެފައިވާ ފަރާތްތަކެއްކަމަށް މީސް މީޑިޔާގެ އެކި އޮޅިތަކުގައި އާންމުން ވަރަށް ގިނައިން ބުނެފައިވެއެވެ. 

މީގެ އިތުރުން މިއީ އިސްލާހަށްވުރެ ބޮޑަށް، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އުމަރު ބިނާކުރައްވާ ޕްލެޓްފޯމެއްކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އުމަރަކީ މީގެކުރިން 2008ގެ ރިޔާސީ އިންތިޚާބްގައި ވާދަކުރައްވާ، 2013 އަދި 2018ގެ ރިޔާސީ އިންތިޚާބްގައި ވާދަކުރައްވަން މަސައްކަތްކުރެއްވި ބޭފުޅެކެވެ. ދިވެހި ސިޔާސީ މަޝްރަހުގައި، މާޒީ ތަކުރާރުވުމަކީ އަބަދުމެ ވާ ކަމެކެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ޑީއެންއޭގެ އިފްތިތާހީ ޖަލްސާގައި އުމަރު ވިދާޅުވީ ޑީއެންްއޭއަކީ ވަކި މީހަކު ވަށައިގެން އެނބުރޭ ފިކުރަަކަށް ވިޔަ ނުދެއްވާނެކަމަށާއި، މިއީ ދިވެހި ވަތަނީ އެންމެންގެ ހަރަކާތެއްކަމަށެވެ. މި ހަރަކާތަކީ އެފަދަ ހަރަކާތަކަށް ވެދާނެކަމުގެ އުންމީދުގައި ތިބި ފަރާތްތައްވެސް ވަކި މަދެއް ނޫނެވެ.

ނަމަވެސް އިއްޔެ އުމަރު ނަސީރު ކުރެއްވި ޓްވީޓަކާ އެކު ވަނީ އެކަމާއި މެދު ސުވާލު އުފެދިފައެވެ. ޑީއެންއޭއަށް ގުޅުމަށް ގޮވާލާ އަމިއްލަ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައިވާ ވީޑިޔޯގައި ދައްކަނީ ހުސް އުމަރުގެ މަންޒަރެވެ. ވީޑިޔޯކޮޅު ނިންމާލަނީ "2023 އުމަރު ނަސީރު" ލަފްޒުކޮޅާއި އެކުގައެވެ. މިހިސާބުން، ޑީއެންއޭއަކީ ހަގީގަތުގައިވެސް އިސްލާހީ ހަރަކާތެއްތޯ ނުވަތަ ރިޔާސީ އިންތިޚާބަށް ތައްޔާރުވާން އުމަރު އުފެއްދި ޕްލެޓްފޯމެއްތޯ އެބަ ސުވާލު އުފެދެއެވެ. ޑީއެންއޭއަކީ އިސްލާހީ ހަރަކާތެއްތޯ ނުވަތަ ސަކަރާތެއްތޯ އެނގެން އެތައް ބަޔަކު އެބަ ބޭނުންވެއެވެ.

Advertisement

ކޮމެންޓް