ހަ މަސްދުވަހުގެ މެޓާނިޓީ ލީވްއިން އެތައް ބަޔަކަށް އުފާވެރިކަމާ ހިނިތުންވުން!

19 Mar 2021 | 14:33

ދިވެހިރާއްޖޭގައި ސިވިލް ސާރވިސްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މުސާރަ ހިނގާގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއެއް ދޭން ގަސްދުކުރާކަން މިހާރުގެ ސަރުކާރުން ފުރަތަމަ އިޢުލާންކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިންނެވެ. މިކަން އިޢުލާންކުކުރުމާއެކު އެއްބަޔަކަށް މިކަމަށް ޙައްޤުވެގެންވާ ތަޢުރީފުވެސް ކުރިއެވެ. އަނެއްބަޔަކު އެކަން ސިފަކުރީ، ދުވަހަކުވެސް ތަންފީޒުނުކުރެވޭނެ ކެމްޕޭން ވަޢުދެއްގެ ގޮތުގައެވެ.

މީގެކުރިން ގިނަ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެމުންގެންދިޔައީ ގާތްގަނޑަކަށް ތިން މަސްދުވަހުގެ ޗުއްޓީއެކެވެ. އެ ޗުއްޓީ އިތުރުކުރަން ގިނަ ފަހަރަށް ކުރަންޖެހޭނެ ކަމަކީ، އަހަރީ ޗުއްޓީއާ އެކު ނެގުމެވެ. ނަމަވެސް އޭރުންވެސް ލިބޭނީ ހަތަރު މަސް ދުވަހެވެ. މި ހަތަރު މަސް ދުވަހަކީ ވިހެއުމުގެ ކަންކަމުން ފަސޭހަވެ، ދަރިފުޅުގެ ކަންކަން ހަމަޖެއްސުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް ގިނަބަޔަކު އެއްބަސްވެއެވެ.

ނަމަވެސް މިއަދު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ 2019 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގައި އެދުވަހުން ފެށިގެން، އަންހެނުންނަށް މުސާރަ ލިބޭގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ލިބޭނެކަން އިޢުލާންކުރައްވާފައެވެ. މިއަދަކީ އެކަމަށް ދެ އަހަރު ފުރޭ މުނާސަބަތެވެ. މިއަދާއި ހަމައަށް ސަރުކާރުގެ އެ ސިޔާސަތުގެ އެހީގައި، ގިނަ ފަރާތްތަކަކުން މެޓާނިޓީ ލީވް ނަގާފައިވެއެވެ.

ހަ މަސްދުވަހުގެ މެޓާނިޓީ ލީވްގެ ވާހަކަ ހައްވަ (އަސްލު ނަމެއް ނޫން)އަށް އިވުމުން އޭރު މާބޮޑު އެއްޗެއް ހިތަކަށް ނާރައެވެ. ނަމަވެސް ދަރިއަކު ލިބުމާ އެކު އެ ހަ މަސްދުވަހުގެ ޗުއްޓީ ނެގުމުން، އެއީ ހަމަ ޙަޤީޤަތުގައިވެސް ދޭންޖެހޭ މުހިންމު ޗުއްޓީއެއްކަން އޭނާ ގަބޫލުކުރެއެވެ. ސިވިލް ސާރވިސް ވަޒީފާގައި ގިނަ އަހަރުތަކެއް ވޭތުކުރުމަށްފަހު، އޭނާ ވަނީ މެޓާނިޓީ ލީވް ނަގައިގެން ތުއްތު ދަރިފުޅުގެ ގާތުގައި މަޑުކޮށްފައެވެ. މިހާރު އަނެއްކާވެސް ނުކުމެ އެހުރީ ވަޒީފާއަށެވެ.

"ވަރަށް އުފާވޭ ހަ މަސް ޗުއްޓީ ނަގައިގެން ދަރިފުޅު ކައިރީ މަޑުކުރެވޭތީ"، "ވޮއިސް"އާ ވާހަކަ ދައްކަމުން ހައްވަ ކިޔައިދިނެވެ.

ބައެއް ފަރާތްތަކަށް ބައެއް ފަހަރަށް ވިސްނިފައި އޮންނަގޮތުގައި ހަ މަސްދުވަހުގެ މެޓާނިޓީ ލީވްއަކީ ސަރުކާރުގެ ޚަރަދުގައި އަންހެނުންތަކަކަށް ގޭގައި އަރާމުކޮށްލަން ދެވޭ "ޗުއްޓީ"އެކެވެ. ނަމަވެސް ހައްވައާ އެ ލީވް ނަގާފައިވާ އެހެން ފަރާތްތަކުން އެ ވިސްނުމާއި ދެކޮޅެވެ. ދަރިއަކު ލިބިގެން ހިނގާ ފުރަތަމަ ހަ މަސް ދުވަހަކީ، ވަރަށް ބުރަ ހަ މަސް ދުވަސްކަން ކޮންމެ މަންމައަކަށްވެސް އެނގޭނެކަމަށް ހައްވަ ބުންޏެވެ.

"ދަރިއަކު ލިބިގެން ގޭގަ މަންމައަކު އުޅެން ޖެހޭ ހާލު އެނގޭނީ ހަމަ މަންމަމެންނަށް. މިކަހަލަ ވަގުތެއްގައި އޮފީހަށްދާން، އިތުރު ގޮތެއް ނެތިގެން ނިކުންނަން ޖެހޭނަމަ އަސްލު ވަރަށް ދެރަވާނެ. ބޭބީއާ އެކީ 6 މަސް ފުލްޓައިމްކޮށް ހޭދަކުރަން ލިބުމަކީ ބުނަން ނޭނގޭ އުފާވެރި އިހުސާސެއް"، އޭނާ ބުންޏެވެ.

ހައްވަ ސިފަކުރިގޮތުގައި ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްގެ މުއްދަތަކީ ރަނގަޅު މުއްދަތެކެވެ. އެ ޗުއްޓީގައި ހުރެފައި ނިކުންނަ އިރު، ދަރިފުޅު ހުންނާނީ މަޑުމަޑުން ކާއެއްޗެއްސަށްވެސް ހޭނެން ފަށާފައި ކަމަށާއި، އެހެން މީހަކަށް ކުއްޖާ ބެލުމަށްވެސް ފަސޭހަވާނެކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، މި މުއްދަތަކީ އަންހެނުންނަށް ޖިސްމާނީ އަދި ނަފްސާނީގޮތުންވެސް ހަމަޖެހިލާ ދުޅަހެޔޮވާން ރަނގަޅު މުއްދަތެއްކަމަށް ހައްވަ ވަނީ ސިފަކޮށްދީފައެވެ.

އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ވަޒީފާގެ މައިދާނުގައި ފިރިހެނުންނާއި އެއް ސަފެއްގައި ހަރަކާތްތެރިވުމުގެ ޖާގަ އަންހެނުންނަށްވެސް ދެވެންޖެހެއެވެ. އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގެ އިތުރުން، ވަޒީފާގެ ޒިންމާތައްވެސް ފުރިހަމައަށް އަދާކުރެވޭނެ ބައެއްކަން އެތައް ބަޔަކު އެބަ ސާބިތުކޮށްދެއެވެ. އެކަމަށް ބާރުދީ ހިތްވަރުދޭ ސިޔާސަތުތައް ގިނައިން ތަންފީޒުކުރުމަކީ ވަރަށް މުހިންމުކަމެވެ. އެގޮތުން، ހަ މަސްދުވަހުގެ ޕެއިޑް މެޓާނިޓީ ލީވްއަކީ އެކަމުގެ ފުރިހަމަ މިސާލެވެ. އެތައް ބަޔަކަށް ހިނިތުންވުމާއި ލުއިފަސޭހަ ގެނުވި ހެޔޮ ބަދަލެކެވެ.

ކަވަރ ފޮޓޯ: ޔުނިސެފް މޯލްޑިވްސް/ 2019

Advertisement

ކޮމެންޓް

Advertisement