ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒަށް ޢާއިޝަތު ސަމާހު

08 Mar 2021 | 12:51

ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަޤާމަށް އަލްއުސްތާޛާ ޢާއިޝަތު ސަމާހު ހަމަޖައްސައިފިއެވެ.

ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަޤާމުވެސް އަދާކުރައްވަމުންނެވެ. ބޭންކިންގ އަދި ޤާނޫނީ ދާއިރާއިން އޭނާ ހާސިލްކުރައްވާފައިވާ ތަޢުލީމާއި ހޯއްދަވާފައިވާ ތަޖުރިބާއާ އެކު ސަމާހުވަނީ ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަޤާމުގައެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަޤާމުގައި ދެމިހުންނަވާނެއެވެ.

ބޭންކުގެ އޮނިގަނޑަށް ގެނެވުނު އިތުރު ބަދަލުތައްވެސް މިއަދު ވަނީ ހާމަކޮށްފައެެވެ. ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިންގ ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލުކޮށްފައެވެ.

މީގެ އިތުުރުން މަރިޔަމް ޙަމީދު ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރގެ މަޤާމަށް ޢައްޔަންކޮށްފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސަރވިސަސްގެ މަގާމުގައެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުނިވެސްމެއެވެ. ބޭންކުގެ %99 މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ޢަމަލުކުރަމުންނެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް

Advertisement