ވާވެއިގެ ވެރިޔާ ދޫކޮށްލަން ޗައިނާއިން ކެނެޑާއަށް އިންޒާރުކޮށްފި

09 Dec 2018 | 00:13

ޗައިނާގެ ޓެލެކޮމިއުނިކޭޝަން އިކްވިޕްމަންޓް އުފައްދާ ކުންފުނި ވާވެއިގެ ޗީފް ފައިނެންޝިއަލް އޮފިސަރ މެންގްވަންޒޫ ދޫކޮށްލުމަށް ޗައިނާއިން ކެނެޑާއަށް އިންޒާރުކޮށްފިއެވެ. ކެނެޑާއަށް އޮތީ އޭނާ ދޫކޮށްލުން ނުވަތަ އެކަމުގެ ރައްދު ބަދަލާ ކުރިމަތިލުންކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުންޏެވެ. އިއްޔެ ޗައިނާގެ ޚާރިޖިއްޔާއަށް ކެނެޑާގެ އެމްބެސެޑަރ ހާޒިރުކޮށް ޗައިނާއިން ވަރަށް ވަރުގަދައަށް ދެކޮޅުހަދާކަން ވަނީ އަންގާފައެވެ. އަދި އޭނާ ކުށެއްކޮށްފައިނުވާކަންވެސް ބުނެފައިވެއެވެ. ކެނެޑާއިން ބުނީ މިސް މެންގްވަން ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީކަމެއް ނުވާކަމުގައެވެ. ޗައިނާއިން ދިން އިންޒާރަށްފަހު މެންގްވަން ދޫކޮށްނުލައިފިނަމަ ރައްދުގައި ޗައިނާއިން އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަމެއް އަދި ނޭގެއެވެ.

ވާވެއިގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަދި ކުންފުނީގެ ވެރިޔާގެ އަންހެން ދަރިފުޅު ކެނެޑާގެ ވެންކޫވަރ އެއަރޕޯޓުން ހައްޔަރުކުރީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާގެ ކުންފުނިން ޚިލާފްވުމުންކަމަށް ޚަބަރުތައް ބުނެއެވެ. ކެނެޑާއިން މެންގްވަންޒޫ އެމެރިކާއާއި ހަވާލުކޮށްފާނެކަމަށް ބެލެވިފައިވެއެވެ. އެހެންވެއްޖެނަމަ އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާކަމެކެވެ. ހުކުރު ދުވަހު އޭނާ ކެނެޑާގެ ކޯޓަކަށް ހާޒިރުކޮށްފައިވެއެވެ.

ވާވެއިއަކީ ސެމްސަން ފިޔަވައި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އިކްވިޕްމަންޓް އަދި ސުމާޓްފޯން އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. އެކުންފުނިން ދާދިފަހުންވަނީ އެމެރިކާގެ އެޕަލް ފަހަތަށް ޖައްސާފައި ކުރިއަރާފައެވެ.

ވާވެއި ކުރިއަރަމުންދާ ހަލުވިކަމުން ދުނިޔޭގެ އެންމެކުރިއަރާފައިވާ ފިފްތު ޖެނެރޭޝަން ( އެފްޖީ) މޯބައިލް އަދި އެހެން ކޮމިއުނިކޭޝަން ނެޓްވޯކްތަކަށް ވޭވެއި ބޭނުންކޮށްގެންވަދެ ޖާސޫސްކޮށްފާނެކަމަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ބިރުގަނެއެވެ. މިބިރާހެދި ޖަޕާނުންވެސް ޗައިނާގެ މޯބައިލްފޯން ބޭނުންކުރުން މަނާކުރާނެކަމަށް ބެލެވިފައިވެއެވެ.

އުމުރުން 46 އަހަރުގެ މެންގްވަންޒޫ އޭނަގެ ބައްޕަގެ ކުންފުންޏާ ގުޅުނީ 1993 ވަނަ އަހަރު އެކުންފުނީގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ޗައިނާގެ ހޫޒޮންގް ޔުނިވަރސިޓީން އެކުންޓެންސީ އިން މަސްޓަރ ޑިގްރީ ނެގުމަށްފަހު ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓާ ގުޅުނެވެ. ދާދިފަހަކާޖެހެންދެން ކުންފުނީގައި އޭނައަކީ ކުންފުނީގެ އޯނަރުގެ ދަރިފުޅުކަން އޮތީ ނޭގިފައެވެ.

Advertisement

ކޮމެންޓް