2000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކުންފުންޏަކާ އެކު ސޮއިކޮށްފި

08 Mar 2021 | 20:08

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްއާއެކު މިއަދު ސޮއިކޮށްފައިވަނީ ގައި އިންޖިނިއަރިންގ، ޕްރޮކިޔޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައެވެ.

މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ 2 ކޮޓަރީ ގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1400 ޔުނިޓް އިމާރާތްކުރެވޭނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރިއަށް ގެންދަން ރޭވިފައިވަނީ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރާއި 1 މަސް ދުވަސް ނަގާނެކަމަށް ބެލެވޭކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުއެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް – ކޮންޓްރެކްޓްސް ސައުތު އިންޑިޔާ އޮޕަރޭޝަންސް ކައްރި ސުދާކަރަ ރެޑީ އެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފަހި ދިރިއުޅުން ކޯރޕަރޭޝަންގައެވެ.

Advertisement

ކޮމެންޓް