ޗެލްސީއިން ސިޓީ ބިމައި ހަމަކޮށްލިއިރު ޔުނައިޓެޑް އަދި ލިވަޕޫލަށް ބޮޑު މޮޅެއް

09 Dec 2018 | 08:18

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ އަދި މެންޗެސްޓާ ސިޓި ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ކާމިޔާބުކޮށް ސިޓީއިން މި ސީޒަނުގެ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ހިފަހައްޓަމުންއައި ރެކޯޑް ޗެލްސީއިން ނިމުމަކަށް ގެނެސްފިއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ހަޒާޑް ނަގައިދިން ހުރަހަކުން ކާންޓޭއެވެ.

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދި ސިޓީ އިތުރަށް މާޔޫސްކޮށްލީ މެޗުގެ 78 ވަނަ މިނެޓުގައި ހަޒާޑް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ލުއީޒް ޖެހި ލަނޑާއެކުއެވެ.

މިއީ ޗެލްސީގެ ކޯޗް ސަރީގެ ކެރިއަރުގައި އޭނާ ގާޑިއޯލާގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މި މޮޅާއެކު ޗެލްސީ އޮތީ 16 މެޗު ކުޅެގެން ލިބުނު 34 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.

މެޗަށްފަހު ސަރީ ބުނީ ސިޓީ އަދި ގާޑިއޯލާ އަތުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށައި ޗެލްސީއިން މޮޅުވުމަށް ދެއްކި ހިތްވަރައި ކުޅުމައި ދޭތެރޭ ވަރަށް އުފާވާ ކަމަށެވެ. ބަލިވުމުން ހިތްހަމަ ނުޖެހިފައި ހުރި ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ސީޒަނުގެ މިހާ ހިސާބުން އަދި ޗެންޕިއަންސް ލީގުގައި އިދިކޮޅު ޓީމް ތަކުން ބޭނުންވާނީ ހަނި ފުރުސަތު ތަކެއް ކަމަށައި އެ ފުރުސަތުތަކުގެ ބޭނުން ހިފައި އެޓީމުތަކުން ލަނޑު ޖަހާނެކަމަށެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ ފުލުގައި އޮތް ފުލަމްކޮޅަށް 4 ލަނޑުޖަހައި ތިން ޕޮއިންޓް ކަށަވަރުކޮށް މެންޗެސްޓާ ޔުނައިޓެޑްވަނީ 6 ވަނަ އަށް ޖެހިލާފައެވެ.

ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މިއީ އެޓިމް މޮޅުވި ހަމައެކަނި މެޗެވެ.

އޭޝްލީ ޔަންގް މެޗުގެ ކުރީކޮޅު ޔުނައިޓެޑަށް ކުރި ހޯދަދިންއިރު ފުރަތަމަ ހާމް ނިމުނުއިރު މަޓާ އަދި ލުކާކޫ ޖަހައިދިން ލަނޑުތަކާއެކު ޔުނައިޓެޑް އޮތީ 3-0 ކުން ކުރީގައެވެ. ލުކާކޫގެ މި ލަނޑަކީ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި 997 މިނެޓަށްފަހު އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑުކަން ފާހަގަކޮށްލަން ޖެހެއެވެ.

މެޗުގައި ފުލަމްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކަމާރާއެވެ. ޔުނައިޓެޑްގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ޒުވާންތަރި ރަޝްފޯޑެވެ.

ރީތި އަދި މޮޅު ކުޅުމެއް ޔުނައިޓެޑްގެ ފަރާތުން މި މެޗުގައި ފެނިގެން ދިޔައިރު އެޓީމުގެ ތަރިން ކަމުގައިވާ ޕޮގްބާ އަދި މާޝިއަލް ޓީމުގައި ހިމެނިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ އޭނާގެ ޓީމުން ފުރަތަމަ ހާފުގައި ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށައި ފެނިގެން ދިޔައީ ބަލާލަން ހިތްގައިމު ފުޓްބޯޅައެއް ކުޅުނު މަންޒަރު ކަމަށެވެ. އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ތިން މެޗުންވެސް އެޓީމު ބަލި ނުވާކަމަށައި ނަމަވެސް މޮޅުވެފައެއްވެސް ނެތް ކަމުގައި މޮރީނިއޯ ބުންޏެވެ. އެހެންކަމުން މިމެޗުން ލިބުނު ތިން ޕޮއިންޓް ވަރަށް މުހިންމު ކަމުގައި މޮރީނިއޯ ފާހަގަކުރިއެވެ.

ލީގުގައި ކުޅުން އެހެން މެޗުގެ ނަތީޖާތަކަށް ބަލާއިރު 4-0 ގެ ބޮޑު ތަފާތަކުން ބޯންމައުތް އަތުން ލިވަޕޫލް މޮޅުވި އިރު ހަޑަސްފީލްޑްއަތުން އާސެނަލް މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި ސަލާހް ހެޓްރިކް ހެދިއިރު އެޓީމުގެ އަނެއް ލަނޑަކީ ބޯންމައުތްގެ ޑިފެންޑަރ ކުކް އަތުން ބައިކޮޅަށް ވައިން ލަނޑެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާްއެކު ލިވަޕޫލްއޮތީ 42 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

ހުރިހާ މުބާރާތަކުން އާސެނަލް ބަލިނުވެ އަންނައައުމަށް އިތުރު ބޮޅެއް ހަމަކޮށްދިނީ މެޗުގައި ލޫކަސް ޓޮރެއިރާ ޖަހައިދިން ހަމައެކަނި ލަނޑާއެކުއެވެ. މި މޮޅާއެކު ހުރިހާ މުބާރާތަކުން އާސެނަލް ބަލިނުވާތާ 21 މެޗު ހަމަވީއެވެ.

ގިނަ ފައުލުތަކެއް ފެނިގެން ދިޔަ މިމެޗުގައި ނުވަ ރީނދޫ ކާޑު ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރެއިން ފަސް ރީނދޫ ކާޑް ދައްކާފައިވަނީ އާސެނަލްގެ ކުޅުންތެރިންނަށެވެ.

އާސެނަލް އޮތީ ޕޮއިންޓުގެ ގޮތުން ޗެލްސީއައި އެއްވަރުވެ ލަނޑުގެ ތަފާތުން ތާވަލުގެ ފަސްވަނައިގައެވެ. 

Advertisement

ކޮމެންޓް

Advertisement