Advertisement

ނޫސްވެރިންގެ ގަޔަށް ތައިލޭންޑްގެ ބޮޑުވަޒީރު ހޭންޑް ސެނިޓައިޒަރ ޖައްސަވައިފި

10 Mar 2021 | 19:37

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިން ކުރި ސުވާލުތަކަކާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވައި، ތައިލޭންޑްގެ ބޮޑުވަޒީރު ޕްރަޔުތް ޗާން އޮޗާ އާދަޔާ ޚިލާފްކަމެއް ކުރައްވައިފިއެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކުރިއަށް އޮތް ތަނުގައި އެގައުމުގެ ކެބިނެޓަށް އަންނާނެ ބަދަލުތަކާ މެދު ބޮޑުވަޒީރާ ސުވާލުކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޕްރަޔުތް ޗާން އޮޗާގެ ކެބިނެޓްގައި ހިމެނޭ ތިން ވަޒީރެއްގެ މައްޗަށް، މީގެ ހަތް އަހަރު ކުރިން ހިނގި މުޒާހަރާތަކަކާ ގުޅިގެން ދައުވާ އުފުލައި ޖަލަށް ހުކުމްކޮށްފައެވެ.

މިކަމާ ގުޅިގެން ކެބިނެޓަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ތައިލޭންޑްގެ ބޮޑުވަޒީރު ވަނީ ދެން އަހާނެ އިތުރު ސުވާލެއް ނެތްތޯ ސުވާލު އުފައްދަވައި، ކެބިނެޓަށް އަންނަ ބަދަލެއް އެނގިވަޑައި ނުގަންނަވާކަމަށް ވަރަށް ހަރުކަށިކޮށް ވިދާޅުވެފައެވެ.

އެއަށްފަހު ފެނިގެންދިޔައީ، އެމަނިކުފާނު ހުންނެވި ޕޯޑިއަމް ދޫކުރައްވައި ނޫސްވެރިންގެ ގާތަށް ވަޑައިގެން އެ ނޫސްވެރިންނާ ދިމާލަށް ހޭންޑް ސެނިޓައިޒަރ ސްޕްރޭކުރައްވަން ފެއްޓެވި މަންޒަރެވެޱ މިކަން ކުރެއްވިއިރު ބޮޑުވަޒީރު ޕްރަޔުތް ޗާން އޮޗާ ހުންނެވީ ނޭފަތް މާސްކަކުން ނިވާ ކުރައްވައިގެންނެވެ. މި މަންޒަރު އެތަކެއް ނޫސްވެރިންގެ ކެމެރާތަކަށް ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން ތައިލޭންޑްގެ ބޮޑުވަޒީރަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ބޮޑުވަޒީރުގެ މި އަމަލުން އެގައުމުގައި ޑިމޮކްރަސީ އޮތް ނާޒުކު ހާލަތު ސާފުވާން އެބައޮތްކަމަށް ދަނީ ބުނަމުންނެވެ.

މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ އަމަލުތައް ހިންގަވާފައެވެ.

Advertisement

ކޮމެންޓް