ވެރީން ބަދަލުވިޔަސް ހަމަ ޖެހެނީ އެއްތާކުއެވެ!

11 Mar 2021 | 19:10

2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައިވެސް މިއޮތީ ޕާރޓީ ނިޒާމުގެ ވެރިކަން ފެށިފައެވެ. ދިގު މުއްދަތަކަށް އެކަކު ވެރިކަމުގައި އަބަދު ހުރުމަކީ އެއީ ކަމުދާ ނިޒާމެއް ނޫން ކަމަށް ރައްޔިތުން ނިންމާ ވެރިކަން ބަދަލު ކުރީ ވަރަށް ފޮނި އުއްމީދެއްގައެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއްވެސް އެއް މިންގަނޑަކުން ކިރައި ކުރިން އޮތް ތަފާތު ކުރުންތައް ނައްތާލައި ހިތްހެޔޮ، އޯގާތެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދޭން ބަޔަކުވި ވަޢުދާވެސް އެކުގައެވެ.

ނަމަވެސް އަޅުގަނޑުގެ ހިތުގާ އުފެދޭ ސުވާލަކީ ޕާރޓީ ނިޒާމުން ރައްޔިތުން އުއްމީދުކުރި ތަފާތު ކުރުން ނެތިގެން ހިނގައްޖެތޯއެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ކޮންމެ 5 އަހަރުގެ ދައުރެއް ނިމެން ކައިރިވުމާއިއެކު ރައީސް މައުމޫނު ނުވަތަ އޭރުގެ ކޮންމެވެސް މިނިސްޓަރަކު ރަށްރަށަށް ވަޑައިގެން ކަޑަ ނުޖައްސަވާ ނުވަތަ ކޮންމެވެސް ޢިމާރާތެއްގެ ބިންގާ ބާއްވާ ނުލާ ރަށެއް ވަރަށް މަދުވާނެއެވެ. އަތޮޅުތަކުގެ އަތޮޅުވެރީން ފެށިގެން ރަށުގެ އެންމެ ކުޑަ ކުއްޖާވެސް އެރަސްމިއްޔާތުގައި ބައިވެރިވެ އަތްޖަހާ ހެދި ކިތައް ތަން މިހާރުވެސް ބިމުން މައްޗަށް ޢިމާރާތް ނާރާ ނުވަތަ ވެލިކޮޅެއްގެ މިންވަރުވެސް އެކްސްކަވޭޓަރ ބޭނުން ކޮށްގެން ނަގައި ނުލެވުނު ކިތައް ރަށް އެބަ އޮތްތޯއެވެ.

ބައެއް މިނިސްޓަރުން އެބޭފުޅުން ރަށްރަށަށް ވަޑައިގެން ކަޑަ ޖެއްސެވި ކަމެއް ނުވަތަ ބިންގާ އަޅުއްވައި ދެއްވިކަން ވެސް މާލެ ވަޑައިގަތުމަށްފަހު ހަނދާނުގައި ނެތްކަމަށް ބުނެފައިވާކަމަށް ބުނާތީ އަޅުގަނޑުމެންވެސް އަޑު އެހީމެވެ.

އޭރުގެ އެގޮތް ކަމު ނުދާތީވެ އައު ނިޒާމަކަށް ފުރުޞަތުދީ މުޅި ސިސްޓަމް ބަދަލު ކޮށްލީ ނަމެއްގައި ކަޑަ ޖެހުމާއި ބިންގާ އެޅުން ހުއްޓުވުމުގެވެސް ބޭނުމުގައެވެ. ނަމަވެސް ހިތާމައަކީ އޭރާ މިހާރު ވަކި ތަފާތެއް ނެތް ކަމެވެ. ނަޝީދެއް، ޔާމީނެއް، ޞާލިޙެއް ކިޔާނެ ކަމެއް ނެތެވެ. ރައްޔިތުން ގުނބޯ ހެއްދުން ނޫން ކަމެއް ނުކުރެއެވެ. ޕްރޮޖެކްޓްތައް އޮއްސަނީ ހަމަ ހިތްޕުޅާވާ ސަރަޙައްދަކަށެވެ. އަރިސްކޮށް އުޅުއްވާ ޢިއްޒަތްތެރި މެންބަރެއް ހުންނެވި ނަމަ އެތާކަށެވެ. ޕީއެސްއައިޕީގެ ޕްރޮޖެކްޓްއެއްގެ ގޮތުގައި ހިމެނިއްޖެނަމަ ދެތިން އަހަރު ނިމިގެން ދާއިރުވެސް އޮންނަނީ އެޕްރޮޖެކްޓްތަކެކެވެ. ކަމެއް ކުރަން ބޭނުން ނުވެއްޖެނަމަ ކޮންމެވެސް ބަހަނާއެއް ދައްކައިގެންވެސް އެކަމެއް ދިގު ދަންމާލެވޭތޯ ބަލާނެއެވެ.

އެއްފަހަރު އަހާލާއިރު ޑިޒައިން ނުކުރެވެނީއެވެ. ދެން އަހާލާއިރު ޑިޒައިން ކޮށް ނިމުނުއިރު ބަޖެޓު ނެތީއެވެ. އަނެއްކާ އަނެއް އަހަރަށް ފަސްކުރަންވީއެވެ.

ދައުރެއް ނިމިގެންދާއިރު ބައެއް ރަށްރަށުގައި ޕްރޮޖެކްޓްތައް ނިމި އަތްޖަހާއިރު އަނެއްބައި ރަށްތައް މިއޮންނަނީ އަތްޖަހާލަން ފުރުޞަތު ލިބޭނޭ ދުވަހެއްގެ އިންތިޒާރުގައެވެ. ޕްރޮޖެކްޓްތައް ނުލިބޭ ރަށްރަށުގެ ރައްޔިތުންނަށް އަދި ވެރީން ހިތްހަމަ ޖެހޭ ވަރަށް ކުޑަ ރުމާ ފޯކޮށް ނުލެވެނީ ކަމަށްވުމީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މާދާމާ ވެސް އެއިން ޢިއްޒަތްތެރިއަކު ރަށަށް ވަޑައިގަންނަވާނަމަ އެބޭފުޅުންނަށް ސަނާ ކިޔުމުގައި ރައްޔިތުން ހޭބޯ ނާރާ އުޅޭ މަންޒަރު ފެނިގެންދާނެއެވެ. މިއީ އަޅުގަނޑުމެން މިހާރު ނިމުމަކަށް ގެންނަށްވެއްޖެ ކަމެކެވެ. ކަމެއް ކޮށްދޭނެ ކަމަށް ސަނާ ކިޔުމުގެ ބަދަލުގައި ކަމެއް ކޮށްދިނީމާ ސަނާ ކިޔަން އާދަކުރަންވެއްޖެއެވެ.

Advertisement

ކޮމެންޓް