ޕާކިސްތާނުވެސް އެންމެފަހުން ޚިޔާރުކުރީ އިންޑިއާގައި އުފެއްދި ވެކްސިން!

10 Mar 2021 | 23:54

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމަށް ޕާކިސްތާނުންވެސް ނިންމައިފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ނޭޝަނަލް ހެލްތު ސަރވިސަަސް ސެކްރެޓަރީ އާމިރު އަޝްރަފް ޚުވާޖާ ވަނީ މިމަހުގެ ތެރޭގައި ޕާކިސްތާނަށް ކޮވިޝީލްޑް ވެކްސިންގެ 45 މިލިޔަން ޑޯޒް ލިބެން ފަށާނެކަމަށް އިޢުލާންކުރައްވާފައެވެ. މި ވެކްސިންތައް ލިބުމަށް ހަމަޖެހިފަައިވަނީ ގްލޯބަލް އެލަޔަންސް ފޯރ ވެކްސީންސް އެންޑް އިމިއުނައިޒޭޝަން (ގަވީ)ގެ ތެރެއިންނެވެ.

ގަވީއަކީ ކުދި އަދި މެދުފަންތީގެ ޤައުމުތަކުގައި ވެކްސިން ޖަހާ މިންވަރު އިތުރުކުރުމަށް އުފައްދާފައިވާ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕެކެވެ. 

ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ދަށްވުމުގެ ސަބަބުން އެޤައުމުން ވެކްސިން ގަތުމަށް މާބޮޑު މަސައްކަތެއް ނުކުރާނެކަމަށް އެޤައުމުން މީގެކުރިން ވަނީ ބުނެފައެވެ. އެޤައުމުން މިހާތަނަށް ޖަހަމުން އައިސްފައިވަނީ ޗައިނާއިން ހަދިޔާކުރި ވެކްސިންތަކެކެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް