Advertisement

އިޒްރޭލުން ޤުދުސްގެ ކުރީގެ އިސް މުފްތީ ހައްޔަރުކޮށްފި

11 Mar 2021 | 16:31

ފަލަސްތީނުގެ ވެރިރަށްކަމަށް އެގައުމުން ގަބޫލުކުރާ ޤުދުސްގެ ކުރީގެ އިސް މުފްތީ އައްޝައިޚް އިކްރިމާ ޞަބްރީ، އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.

ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝައިޚް އިކްރިމާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން އިޒްރޭލްގެ ފުލުހުންނާއި ޖާސޫސީ ފަރާތްތަކުން ވަނީ އެބޭފުޅާގެ ގެ ވަށާލުމަށްފަހު އެފަރާތްތަކާ އެކުގައި އައުމަށް އެދިފައެވެ. އިޒްރޭލްގެ ބެލުމުގެ ދަށަށް ޝައިޚް އިކްރިމާ ގެންދެވުނު ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިންވެސް އިޒްރޭލްގެ އިދާރާތަކުން ވަނީ އެކި ފަހަރުތަކުގެ މަތިން އެބޭފުޅާ ހައްޔަރުކޮށްފައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރޭލުން ވަނީ އަޤްސާ މިސްކިތުގައިވެސް މަސައްކަތްކުރައްވާ ޝައިޚް އިކްރިމާއަށް، އެ މިސްކިތަށް ވަނުންވެސް މަނާކޮށްފައެވެ.

ޝައިޚް އިކްރިމާ ފާހަގަކުރެވިފައިވަނީ އަލް އަޤްސާ މިސްކިތާ ގުޅޭގޮތުން އިޒްރޭލުން އަންގާ އެންގުންތަކަށް ފާޅުގައި އިންކާރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެކުރިން 2017 ވަނަ އަހަރުގައި އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުމެއްގައި އިޒްރޭލްގެ ސިފައިން ވަނީ އެބޭފުޅާގެ ގައިކޮޅަށް ރަބަރު ވަޒަނެއްވެސް ޖަހާފައެވެ.

Advertisement

ކޮމެންޓް