Advertisement

އެއް އުސޫލެއް، ތަންފީޒުކުރުން ދެގޮތަކަށް!

12 Mar 2021 | 19:38

މިއީ ދިވެހިރާއްޖެއިން މިހާތަނަށް ތަހައްމަލްކުރި ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ރާޅުކަމަށް ކަމާބެހޭ ޞިއްޙީ މާހިރުން ދަނީ ވިދާޅުވަމުންނެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު 100އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއް ވޭތުވެފައިވާއިރު، ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ގިނައެވެ. މިފަދަ ހާލަތެއްގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކިތަންމެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެގެންދާނެއެވެ. އާންމުންނަށް އެކަންކަމުން ތުރާވާނެ ކަމުގައިވިޔަސްއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ބާރުތައް މަތިކުރެވިފައި އޮންނަނީ ފުލުހުންނާއިއެވެ. އެހެނީ އެ ފިޔަވަޅުތައް މުގުރާލާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ މިންގަނޑުތަކުން އަދަބުދޭނީ ފުލުހުންނެވެ. 

ޤާނޫނީ ހަމަތަކުން ބަލާނަމަ ފުލުހުންނަކީ އެއްވެސް ފަރާތަކަށް ބުރަނުވެ، ހަމަހަމަކަމާ އެކު ޤާނޫނު ތަންފީޒުކުރަން އޮތް މުއައްސަސާއެކެވެ. އެއީ ޑިމޮކްރަޓިކް ކަމަށް ބުނާ ކޮންމެ ގައުމެއްގައިވެސް ފުލުހުން އަމަލުކުރަންޖެހޭނެ ގޮތެވެ. ނަމަވެސް ފުލުހުންގެ ތަންފީޒީ ބާރުވެރިކަމުގެ އަތްތަކަކީ ކިހާ އިންސާފުވެރި އަތްތަކެއްތޯ އާންމުން ސުވާލުއުފައްދާ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ.

މިކަމުގެ ހަމަ އެންމެ މިސާލެއް ދަންނަވާލާނަމެވެ. މާލޭ ސަރަޙައްދުގައި އާންމު ތަންތަނުގައި ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެކެވެ. މިއީ ބަލި ފެތުރުން ހުއްޓުވޭނެ މުހިންމު ގޮތެކެވެ. އެއީ އޮތް އުސޫލުކަމަށްބުނެ، ފުލުހުން މިވަގުތުގައިވެސް ގެންދަނީ އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބާއްވަމުން ގެންދާ އެއްވުން ރޫޅާލައި ބައިވެރިން ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދާކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާކުރައްވަމުންނެވެ.

އެހެން ނަމަވެސް މާލޭގެ އެހެން އަވަށެއްކަމަށްވާ ހުޅުމާލޭގައި ވެރިކަންކުރާ އެމްޑީޕީން ބާއްވަމުންދާ ޙަފުލާއަކާ މެދު ފުލުހުންގެ ޢަމަލެއް އަދި ބަހެއްވެސް ފެންނާން ނެތެވެ. މި ދުވަސްވަރު މީހުން އެއްތަނަކަށް އެއްކޮށްގެން ޙަފުލާތައް ބޭއްވުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. ނަމަވެސް އެމްޑީޕީން ދަނީ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރަައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެލައްވާގޮތަށް ކެމްޕެއިން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވަމުންނެވެ. އެޗްޕީއޭގެ ހުއްދައާ އެކުގައެވެ.

ޤާނޫނުތައް ހަމަހަމާއެކު ތަފާތުކުރުމެެއް ނެތި ތަންފީޒުކުރުމަކީ ކޮންމެ މުއައްސަސާއެއްގެ މައްޗަށްވެސް އޮތް އެންމެ މަތިވެރި މަސްޢޫލިއްޔަތެވެ. މިފަދައިން އަމަލުނުކުރާނަމަ، އެކަން ވެގެންދާނީ އެ މުއައްސަސާތަކުގެ މައްޗަށް އާންމުންގެ އިތުބާރު ކުޑަވެގެން ހިނގައިދާނެފަދަ ކަމަކަށެވެ. އެއް އުސޫލެއް އޮއްވައި، ދެ ހަރަކާތަކާ މެދު ދެ ގޮތަކަށް ޢަމަލު ކުރުމުން އެއީ ފަހަރެއްގައި އެހާ ހަމަޖެހޭ ކަމެއްކަމަށް ނުވެދާނެއެވެ.

Advertisement

ކޮމެންޓް

Advertisement