Advertisement

އިންޑިޔާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އިސްތިއުފާދޭން ނިންމައިފި

11 Dec 2018 | 09:41

އިންޑިޔާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރ އުރްޖިތު ޕަޓޭލް އިންޑިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި އިސްތިއުފާދޭން ނިންމައިފިއެވެ. ސެންޓްރަލް ބޭންކަށް ބޮޑުވަޒީރު ނުފޫޒު ފޯރުވަން މަސައްކަތްކުރާތީ އުރްޖިތް ޕަޓޭލްދަނީ އެކަމާ ދެކޮޅު ހަދަމުންކަމަށް އިންޑިޔާގެ ނޫސްތައް ބުނެއެވެ. އޭނާ އިސްތިއުފާދޭންނިންމި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.

އިންޑިޔާގެ 2.6 ޓްރިލިޔަން ޑޮލަރުގެ އިކޮނޮމީއަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ސެންޓްރަލް ބޭންކުން އަމަލުކުރަމުންދާގޮތުން މޯދީގެ ސަރުކާރުންވަނީ ހިތްހަމަނުޖެހިފައެވެ. އޭގެތެރޭގައި އެންމެފަހުގެ އިންޓްރަސްޓް ރޭޓާއި، ވެށްޓެމުންދާ އިންޑިއަން ރުޕީސްގެ މައްސަލަ ހިމެނެއެވެ. އިންޑިޔާގެ އިގްތިސާދީ ކުރިއެރުންވަނީ ދަށްވާންފަށާފައެވެ. އިންޑިއަން ރުޕީސް މިހާރު ހިމެނިފައިވަނީ އޭޝިޔާގެ އެންމެ ދަށް ޕާފޯމަންސެއް ފެންނަމުންދާ ފައިސާގެ ގޮތުގައެވެ.

ކުރިއަށް އޮތީ އިންޑިޔާގެ ގާނޫން ހަދާ މަޖިލީހުގެ އިންތިޚާބުކަމަށްވުމުން އިގްތިސާދީ މައްސަލަގަނޑު ހަމަޔަކަށް އެޅުވޭތޯ މޯދީގެ ސަރުކާރުން ސެންޓްރަލް ބޭންކަށްދަނީ ޕްރެޝަރކުރަމުންނެވެ.

ސެންޓްރަލް ބޭންކަށް ޕްރެޝަރކޮށް އެބޭންކަށް ނުފޫޒުފޯރުވައިގެން ކަންކަންކުރަން އުޅުމަކީ އިންޑިޔާގެ އިގްތިސާދަށް ކުރިމަތިވެދާނެ ވަރަށް ނުރައްކާތެރި ކަމެއްކަމަށް ގަވަރނަރު ދެކެވަޑައިގަންނަވައެވެ. އިންޑިޔާގެ އިގްތިސާދަށް މައްސަލަތައް ކުރިމަތިވުމުގައި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދޯހަޅިކަން ބައެއް އެނަލިސްޓުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް