ބަހުސަކީ ހޫނުގަދަވެގެންގޮސް ހުތުރުވާ އެއްޗަކަށް ނަހައްދަވާށެވެ!

16 Mar 2021 | 10:00

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަކީ ގައުމުގެ އެންމެ މުހިންމު ބަހުސް މައިދާނެވެ. ގައުމުގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެވެސް ދިރިއުޅުމާ ގުޅޭ އެތަކެއް ކަންކަން ނިމިގެންދަނީ މަޖިލީހުގެ ތަޅުމުގައި، ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ މަންދޫބުންގެ ބަހުސްގެ ތެރެއިންނެވެ. މިފަދަ ބަހުސްތައް ހޫނުވުމަކީ އާންމުގޮތެއްގައި ފެންނަ މަންޒަރެކެވެ.

އުސޫލެއްގެ ގޮތުން އެންމެންގެ ޚިޔާލަކީ އެއްގޮތް އެއްޗަކަށް ނުވާނެއެވެ. އެހެންކަމުން މަޖިލީހުގައި ތަޅުމުގައި ހިނގާ ބަހުސްތައް ހޫނުވެއެވެ. ވަކިން ޚާއްސަކޮށް އެކި ސިޔާސީ ފިކުރުތަކުގެ ފަރާތްތަކުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވައެވެ. ނަމަވެސް ބައެއް ފަހަރަށް ވެގެންދާކަމަކީ، އެ ބަހުސްތައް ހޫނުވުމުގެ ހައްދުން ނައްޓައިގެންގޮސް ހުތުރު ވެގެންދަނީއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެގެންދިޔައީވެސް ހަމަ އެފަދަ ކަމެކެވެ. ބަހުސްކުރަމުންދިޔައީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތަކާ ބެހޭގޮތުންނެވެ. އެހެނަސް ވަކި ހިސާބަކުން ބަދަލުވެގެންދިޔައީ ޒާތީ ހަމަލާތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ވިދާޅުވި ބަސްފުޅަކަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ވަކިނަމެއް ފާހަގަކުރައްވާ ވިދާޅުވީ ރޭގަނޑު ހަތަރުދަން ރާބޮއި މަސްތުވެގެން އުޅެފައި ދުވާލު މަޖިލީހަށް އައުމުން އެފަދަ މީހުންނަށް ވާނުވާ ނޭނގޭނެކަމަށާއި، މަޖިލީހުގައި ވާހަކަ ދައްކާއިރު ހަމަހޭގައި ވާހަކަދައްކަން އެދިވަޑައިގަންނަވާކަމަށެވެ. މަޖިލީހަށް މަސްތުވެގެން އައުމަކީ ކަނޑައެޅިގެން މަނާކަމަކަށްވާއިރު، އެއްވެސް ހެއްކެއް ނެތި އެފަދަ ތުހުމަތެއް އެޅުވުމަކީ ކުޑަކަމެއް ނޫނެވެ. ނަމަވެސް އެއީ މީގެކުރިންވެސް މަޖިލީހުގައި އަޑު އިވި، ރައްޔިތުންނަށް "ބާވެފައިވާ" ބަސްތަކެއްކަން ހިތާމައާއެކު ފާހަގަކޮށްލެވެއެވެ.

ބަހުސްގައި އޮންނަ އުސޫލަކީ ވަރުގަދަ ބަހުގެ ހަމަލާއެއް ދިނުމުން، ހަމަލާ ލިބޭ ފަރާތުންވެސް ރައްދުގައި އެއްޗެއް ބުނުމެވެ. މެންބަރު ޝަރީފްގެ މި ބަސްފުޅަށް އަނދުން ހުސައިންވެސް ރައްދުދެއްވިއެވެ. އެކަމަކު މައްސަލައަކީ އެ ރައްދުން، އާދަމް ޝަރީފަކީ އަންހެނެއްކަމަށް ނުސީދާގޮތުން އަނދުން ހުސައިން ޝަމީމް ވިދާޅުވުމެވެ. އަންހެނުން މައްސަރުގެ ކަންކަމާ ހުރެ ލޭ ބޭރުވެގެން ޕެޑް ބޭނުންކުރުމަކީ ހުތުރުކަމެއްގެ ގޮތުގައި ސިފަވެދާނެ ގޮތަކަށް ވާހަކަ ދެއްކެވުމެވެ.

މެންބަރު ޝަހީމް ވިދާޅުވިގޮތުގައި އާދަމް ޝަރީފް މަޖިލީހަށް ވަޑައިގަންނަވާ ކިތަންމެ ދުވަހެއްގައި ޕެޑް ޖައްސަވާފައިވާތަން އެެބޭފުޅުންނަށް ފެނިވަޑައިގަންނަވައެވެ. އަދި އާދަމް ޝަރީފްގެ ފަހަތުން ލޭ ތެމިފައި ހުންނަކަމަށްވެސް ވިދާޅުވިއެވެ.

ޝަހީމް މި ބަސްފުޅާ ގުޅިގެން ގިނަބަޔަކު ގެންދަނީ އެބޭފުޅާއަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން، އަންހެނުންގެ މައްސަރުގެ މައްސަލައާ އަދި އެކިއެކި ސިއްހީ ކަންކަމާއި ހުރެ ޕެޑް ބޭނުންކުރުމަކީ ހުތުރުކަމެއްގެ ގޮތުގައި ސިފަވާގޮތަށް ވާހަކަ ދެއްކެވުމަކީ "މިސޯޖްނިސްޓް" އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމަށް ގައުމުގެ އަންހެނުންގެ ކިބައިން މެންބަރު ޝަހީމް މަޢާފަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށްވެސް ދަނީ ބުނަމުންނެވެ.

ހަގީގަތުގައި މެންބަރު ޝަރީފް މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެންކަމަށް ޝަހީމް ވިދާޅުވީ، އާދަމް ޝަރީފް ދަށްކޮށްލުމުގެ ނިޔަތުގައިކަމަށް ވެދާނެއެވެ. އެހެނަސް އެބޭފުޅާއަށް ކޮށްލެވުނީ އެތައް އަންހެނުން ތަހައްމަލްކުރާ ބޮޑުކަމަކަށް މަލާމާތެކެވެ. އެއީ އަންހެނުންނަށް ކުރެވުނު ބޭއިޚްތިރާމެކެވެ. އާދަމް ޝަރީފަށް ކުރެވުނު ބޭއިޚްތިރާމެއް ނޫނެވެ. ބަހުސަކީވެސް ކުރަންވާނެ ކަމެކެވެ. ނަމަވެސް މީހުންނަށް އިހުތިރާމް ކުޑަވާ ގޮތަކަށް ނޫނެވެ. ބަހުސަކީ ހޫނުގަދަ އެއްޗަކަށް ހައްދަވާށެވެ. ހުތުރު އެއްޗަކަށް ނަހައްދަވާށެވެ!

Advertisement

ކޮމެންޓް