Advertisement

ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް ރައްޔިތުން ނުކުންނަންޖެހޭ: މުޙައްމަދު އިސްމާޢީލް

16 Mar 2021 | 20:45

މަޑުން ތިބޭވަރަށްވުރެ ޤައުމުގެ ހާލަތު ގޯސްވެފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވީ އުތުރުތިތަފަޅު މަޝްރޫޢުގެ އެއްބަސްވުން ސަރުކާރުން ހާމަނުކުރާ މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުން ބާޠިލު ކުރުމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤާނޫނު އަސާސީއާއި ޚިލާފަށް ވެރިކަން ކުރައްވާތީ، އެމަނިކުފާނު މަޤާމުން ދުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލައި ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ކައުންސިލަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޤައުމަށް ވަމުންދާ ގޮތާއި މެދު ހުރިހާ ދިވެހި ރައްޔިތުންވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

އޭނާގެ ވާހަކައިގައި ވަނީ މިއަދު ކުރިމަތިވެފައިވާ ހާލަތުން ޤައުމު ސަލާމަތް ކުރުމަށްޓަކައި، ހުރިހާ ސިޔާސީ ފިކުރަކަށް ނިސްބަތްވާ ރައްޔިތުންވެސް ނުކުންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ކޯސްޓްގާޑްގެ ބަނދަރެއް ޤާއިމު ކުރުމަށް އިންޑިއާއާއި އެކު ހެދި އެއްބަސްވުން ހާމަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން އަންނައިރު އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރަން ޖެހޭނަމަ ސަރުކާރުން އެކަން ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް