Advertisement

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް މުޒާހަރާ ކުރަމުންދިޔަ ބަޔަކު ވަދެގަނެފި

16 Mar 2021 | 17:20

ޔަމަނުގެ ޝަހަރެއްކަމަށްވާ އަދަންގައި ހުންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ރިޔާސީ ގަނޑުވަރަށް މުޒާހަރާ ކުރަމުންދިޔަ ބަޔަކު ވަދެގަނެފިއެވެ.

އެގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތާމެދު މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން މާޝީގް ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެގަނެފައިވާކަމަށް އެގައުމުގެ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި މުޒާހަރާ ކުރަމުންދާ ފަރާތްތަކަކީ ފާއިތުވެދިޔަ ނުވަމަހުގައި މުސާރަ ނުލިބިފައި ތިބި، އެގައުމުގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތެކެވެ.

މި މީހުން އެ ގަނޑުވަރަށް ވަންއިރު، ޔަމަނުގެ ބޮޑުވަޒީރު މައީން އަބްދުލްމަލިކް އަދި ސަރުކާރުގެ އެހެނިހެން އިސް ފަރާތްތަކުންވެސް ގަނޑުވަރުގެ ތެރޭގައި ތިބިކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަލްޖަޒީރާއިން ބުނިގޮތުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކުން ގަނޑުވަރަށް ވަންއިރު، އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ފަރާތްތަކުން އެކަމަށް މާބޮޑަށް ހުރަސް އަޅާފައެއް ނުވެއެވެ. މިތަނުގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސައުދީ އަރަބިއްޔާގެ ސިފައިންނެވެ.

2014ވަނަ އަހަރުގެ ތެރޭގައި ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށް ގެނައިފަހުން، އެގައުމުގެ ދާޚިލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހޫތީންނާއި ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަނަކުން ދަނީ ހަނގުރާމަކުރަމުންނެވެ. ނަމަވެސް މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް މިލިޔަން ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement